އޮސަސޫނާ 2-1 އިން ބަލިކޮށް ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
މިއީ 2014 ވަނަ އަހަރަށް ފަހު ސްޕެނިޝް ކަޕް ރެއާލުން ހޯދި ފުރަތަމަ ފަހަރެވެ. މިއީ ރެއާލުން މި މުބާރާތް ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ.
ސްޕެއިންގެ ސެވިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރެއާލުންނެވެ. ވިނީޝަސް ޖޫނިއާ އޮސަސޫނާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ތަނަވަސްކޮށްދިން ބޯޅައަކުން މި ގޯލު މެޗުގެ ދެވަނަ މިނެޓްގައި ރެއާލަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ޑޭވިޑް އަލާބާ ފޮނުވާލި ހިލޭޖެހުމެއް އޮސަސޫނާގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.
ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 58 ވަނަ މިނެޓްގައި ޓޮރޯ ވަނީ އޮސަސޫނާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޓޮރޯ މި ގޯލު ކާމިޔާބު ކުރީ ރެއާލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ މި މެޗުން ރެއާލް މޮޅުވި ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ސްޕެނިޝް ކަޕް ރެއާލުން ހޯދިއިރު އެޓީމަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ. އެގޮތުން މުބާރާތުގެ ސެމީފައިނަލްގައި ރެއާލް ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އަންނަ އަންގާރަ ދުވަހު އޮންނާނެ އެވެ.