ކުރިން އަންނަ މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންގެ ފިލްމު މި އަހަރުގެ ސެޕްޓެމްބަރު 7 އަށް ފަސްކުރިކަން އިއުލާންކޮށްފި އެވެ.
ފިލްމު ފަސްކޮށް އެކަން ރަސްމީކޮށް އިއްޔެ އިއުލާންކުރީ މީގެ ވީއެފްއެކްސް އަށް އިތުރު ވަގުތު ނަގާތީ ރިލީޒްކުރާނެކަން ފަސްކުރާނެކަމުގެ ވާހަކަތަކެއް މީޑިއާގައި ދެކެވެމުންދާތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
"ޖަވާން" އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ އެކްޝަން ތުރިލާއެކެވެ. މީގައި ޝާހްރުކް ފެންނާނީ ޑަބަލް ރޯލަކުންނެވެ. އަދި މިއީ ޖެނުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" އަށް ފަހު ރިލީޒްވާ އޭނަގެ ދެވަނަ ފިލްމަށްވާތީ މިއަށް ކުރެވޭ އިންތިޒާރީ އާއި އުންމީދުތައް ވަރަށް ބޮޑެވެ.
ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ "ޖަވާން" ގެ ކާސްޓްގައި ހިމެނެނީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެކެވެ. އެގޮތުން މީގެ ލީޑް ގަތަލާ އަކީ ނަޔަންތަރާ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ، ސާނިއާ މަލްއުތުރާ، ޔޮގީ ބާބޫ، ވިޖޭ ސެތުޕަތީ، ޕްރިޔަމަނީ އަދި ޓީވީ ބަތަލާ ރިދީ ޑޮގްރާ އާއި އާސްތާ އަގަރްވާލް ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯން އާއި ދެކުނުގެ ސުޕަސްޓާރުން ކަމަށްވާ ވިޖޭ އަދި އައްލޫ އަރުޖުން ފެންނާނެ އެވެ.
މި އަހަރުގެ ޑިސެމްބަރަށް ޝާހްރުކްގެ "ދުންކީ" ވެސް ތާވަލުކޮށްފައިވެ އެވެ.