ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި ސަރުކާރުގައި ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ނުދެވޭނެކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވީއިރުވެސް އެ މައްސަލައިގައި އިންސާފު ގާއިމު ކުރެވިފައި ނުވާތީއެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ނުދެވޭނެ ކަމަށް ވިދާޅުވެ އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން ދެން ރަނގަޅުވާނީ އިންސާފުގެ ވާހަކަ ނުދެއްކުން ކަމަށެވެ.
"މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާ." އަލީ ހުސައިން ވިދާޅުވިއެވެ.
ބޮމުގެ ހަމަލާއަށް ދެ އަހަރުވިއިރު ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައިވަނީ ސަރުކާރަށެވެ.
އެގޮތުން މަޖިލިހުގެ ނައިބު ރައީސް އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން މިސަރުކާރުން ތިބި ކަމަށެވެ.
މީގެއިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އަދިވެސް ގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދެވުނު ކަމަށް ވިދާޅުވިއެވެ.