ކުރިން ކުޅުނު ފިލްމެއްގެ ދެވަނަ ބައި ހަދާ ނަމަ ބޭނުން ވަނީ "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ސީކްއެލް ކަމަށް އެ ފިލްމުގެ ބަތަލު ރަންބީރް ކަޕޫރް ބުނެފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2013 ގައި ގެނެސްދިން އެ ރޮމޭންޓިކް ކޮމެޑީ އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން، ވަރަށް ކާމިޔާބު ފިލްމެކެވެ. "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ބަތަލާ އަކީ ރަންބީރްގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯނެވެ. އަދި އޭގެ މުހިއްމު ރޯލުތަކެއް އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮޗްލިން ވެސް ކުޅުނެވެ.
މިދިޔަ އަހަރު ރަންބީރްގެ "ބުރައްމަސްތުރާ" ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ޔޭ ޖަވާނީ ހޭ ދީވާނީ" އަކީ އެ ފިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ. ހާއްސަކޮށް އޭގެ "ބައްތަމީޒް ދިލް" އާއި "ދިއްލީ ވާލީ ގާލް ފްރެންޑް" ގެ އިތުރުން "ބަލަމް ޕިޗްކާރީ" ފާހަގަކޮށްލެވެ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ރަންބީރް ބުނީ "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ސީކްއެލްއެއް ހެދުމާ މެދު އަޔާން ކުރިން ވެސް ވިސްނި ކަމަށާއި އެއަށް އޭނަ ވަރަށް ހިތްގައިމު ވާހަކައެއް ވެސް ފައްކާކުރި ކަމަށެވެ.
"އެކަމަކު ފަހުން އޭނަ ބުރައްމަސްތުރާ ޓްރިލޮޖީގައި ބިޒީވާން ޖެހުމުން ޔޭ ޖަވާނީގެ ސީކްއެލް ތަންކޮޅެއް ފަހަތަށް ޖައްސާލީ،" އޭނަ ބުންޏެވެ. "އެހެންވީމަ ކޮންމެވެސް ހިސާބަކުން އެ ފިލްމުގެ ސީކްއެލްއެއް އަޔާން ހަދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އަހަރެން ވަރަށް ބޭނުން ވެސް މެ އޭގެ ސީކްއެލްއެއް."
ތިން ބަޔަކަށް ގެނެސްދޭން ނިންމާފައި އޮތް "ބުރައްމަސްތުރާ" ގެ ދެވަނަ ބައި 2026 އަށް ތާވަލުކޮށްފައިވާ އިރު، ތިން ވަނަ ބައި ގެނެސްދޭނީ 2026 ގަ އެވެ.
އަޔާން މިހާރު އޮތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2019 ގެ ފިލްމު "ވޯ" ގެ ސީކްއެލްގެ ޑައިރެކްޝަނާ ހަވާލުވެފަ އެވެ. މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ ފިލްމުގެ ކާސްޓުންނަކީ ރިތިކް ރޯޝަނާއި އެންޓީއާރް ޖޫނިއާ އެވެ.
އަޔާން ޑައިރެކްޝަނަށް ނުކުތީ ރަންބީރާ އެކު ގެނެސްދިން 2011 ގެ "ވޭކަޕް ސިދު" އިންނެވެ.
މާޗްގައި ރިލީޒްކުރި "ތޫ ޖޫޓީ މޭ މައްކާރް" އަށް ފަހު ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް "އެނިމަލް" އެވެ.