ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ދައުލަތުން ބޮޑު ހަރަދެއް ކުރާއިރުވެސް އެމަނިކުފާނަށް ސެކިއުރިޓީ ދޭކަމަށް ނުވާކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ބޮމުގެ ހަމަލާދިންތާ ދެ އަހަރު ފުރިފައިވާއިރު، އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ އެ މައްސަލައިގައި އަދިވެސް އިންސާފު ގާއިމު ނުކުރެވޭ ކަމަށްބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރު ދިފާއު ކުރައްވާ ކުރި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހިންގާ ހަރަދު ދައުލަތުގެ ބާކީތިބި ވެރިންނަށް ވުރެއް ބޮޑުކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ސެކިއުރިޓީ ދޭކަމަށް ނުވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިން މައްސަލައިިގައި، ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގުކޮށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ހިނގަމުންދާއިރުވެސް އިންސާފު ލިބޭ ކަމަށް ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
"ސެކިއުރިޓީއަށް 52 މިލިއަން ހަރަދުކޮށްގެން ކުރިއަށްގެންދާއިރު އެވަރުންވެސް ހިތްހަމަނުޖެހެންޏާ، މުޅި ދައުލަތުގެ ބަޖެޓް ހުސްކޮށް ހަރަދުކުރިއަސް ހިތެއް ހަމައެއް ނުޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.
Security ah 52 million kharadhu koggen kuriyah gendhaairu evarunves hihhamah nujeheyaa mulhi dhualthuge budget huskoh kharadhu kuriyas hitheh hamaeh nujeheyne. HKurusee kurevvi tweet akaa gulhigen member Zareer ah maruge hamalaa eh dhineemaa ves Majlis in Evves security eh nudhin
— Ibrahim Shareef (@AdduShareef) May 7, 2023
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ކުރިއަށްދާކަން ޝަރީފް ފާހަގަކުރެއްވިއިރު، ޝަރީއަތް ކުރިއަށްދާލެއް ލަސްކަން ފާހަގަކޮށް، މި ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހަމަލާއަށް ދެ އަހަރުވީއިރު މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހަމަލާދިނުމަށް ބޮން ގޮއްވާލި އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އޭނާ ކުށަށް އިއުތިރާފު ވުމުންނެވެ. މިމައްސަލައިގައި ދެން ހިމެނޭ މީހުންގެ ޝަރީއަތް ކުރިއަށްދާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު ވަނީ ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ ހުކުމް އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކުރާ ގޮތަށް ތާވަލެއް ދީފިއެވެ.
ބޮމުގެ ހަމަލާއަށް ދެ އަހަރު ވެފައިވާއިރު ރައީސް ނަޝީދަށް އިންސާފު ހޯދައި ދެވިފައިނުވާކަމަށް ބުނެ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.