މިއަހަރު ފުރަތަމަ ފަަހަރަށް ރަޝިއާ މާކެޓް ފަހަތަށް ޖައްސާލައި އިންޑީއާ މާކެޓު ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ އެއްވަނަ ހޯދައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކޮންމެ އަހަރަކު އާންމު ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އެޕްރީލް މަހު ރާއްޖެއަށް 164،357 މީހުން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރު އެޕްރީލް މަހާއި އަޅައިބަލާއިރު 13.1 އިންސައްތައިގެ އިތުރުވުމެކެވެ. މި އެޕްރީލް މަހު އެންމެ ގިނައިން އެއް ދުވަހެއްގައި މީހުން ރާއްޖެ އައި ދުވަހު ޖުމްލަ 7362 މީހަކު އައިސްފައިވެއެވެ. އެންމެ މަދުން އައި ދުވަހު އައިސްފައިވަނީ 4230 މީހުންނެވެ. އެވްރޭޖް ގޮތެއްގައި 5478 މީހުން އެޕްރީލް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރު ފުރަމަތަ ތިން މަސް ދުވަހު އެންމެ ގިނަ މީހުން އައީ ރަޝިއާ މާކެޓުންނެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު އެންމެ ގިނަ ބަޔަކު 2 ވަނައިގަ އޮތް އިންޑިއާ މާކެޓުން އައިސް ރަޝިޔާ މިވަނީ ފަހަތަށް ޖައްސާލާފައެވެ. އެގޮތުން އިންޑިއާ މާކެޓުން 17،577 މީހުން ރާއްޖެ އައިސްފައިވާއިރު، ރަޝިއާ މާކެޓުން އައިސްފައިވަނީ 16،979 މީހުންނެވެ. މިދިޔަ މަހު ގަދަ ދިހައެއްގެ 3 ވަނަ ހޯދާފައިވަނީ އޭގެ ކުރީގެ މަސްތަކުގައިވެސް 3 ވަނައިގައި ހިފަހައްޓާލި އިންގިރޭސި ވިލާތެވެ.
Monthly tourist arrival details of April 2023.
Read more: https://t.co/0bq9hEKCGH pic.twitter.com/kn5Yzy4TlM
— Maldives Immigration (@ImmigrationMV) May 7, 2023
ޖުމްލަ ގޮތެއްގައި މިދިޔަ މާރިޗު މަހާއި އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަނީ ދަށްވަމުންނެވެ. ނަމަވެސް އެންމެ އުއްމީދު ބޮޑު ޗައިނާ މާކެޓް މިދިޔަ މާރިޗު މަހު 7 ވަނައިގައި އޮތްއިރު، މި އެޕްރީލް މަހު ވަނީ ހަތަރު ވަނައަށް ޖައްސާލައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މި އެޕްރީލް މަހު އެމާކެޓުން 13،504 މީހުން ވަނީ ރާއްޖެ އައިސްފައެވެ.
ޗައިނާ މާކެޓަކީ ދިވެހި ފަތުރުވެރިކަމަށް ވަރަށް އުއްމީދު ބޮޑު މާކެޓެކެވެ. ކޯވިޑު އައުމުގެ ކުރީން 2019 ވަނަ އަހަރާއި ހަމައަށް ޗައިނާ މާކެޓް ރާއްޖެ ފަތުރުވެރިން އަންނަ އެއްވަނަ މާކެޓުގެ ގޮތުގައި ހިފަހައްޓާލިއެވެ. އަދި މިއަހަރު ކުރީކޮޅު ޗައިނާ ބޯޑަރުތައް ހުޅުވާލުމުން، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މި އަމާޒު ހާސިލް ކުރުމަށްޓަކައި، ގިނަ މަސައްކަތް ކުރެވެމުންދާއިރު މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.