ރާއްޖޭގެ އިޤްތިޞާދު މިވަގުތު އޮތް ހާލަތު ރަނގަޅު ކުރުމަށް ހަތަރު ކަމެއް އިސްލާހު ކުރުމަށް ވޯލްޑް ބޭންކުން ލަފާ ދީފިއެވެ.
ވޯލްޑް ބޭންކާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ގުޅިގެން އެ ބޭންކުން ނެރޭ މޯލްޑިވްސް ޑެވެލޮޕްމެންޓް އަޕްޑޭޓް ރާއްޖޭގައި ވަނީ ލޯންޗުކޮށްފައެވެ. މި ރަސްމީއްޔާތުގައި ސަރުކާރުގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މަރިޔަމް މަނާރަތު މުނީރު އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވާޝް އާދަމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމީއްޔާތުގައި ވޯލްޑް ބޭންކުގެ ފަރާތުން ރިޕޯޓް ހުށަހަޅާ ދެއްވީ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރ އާރޑެމް އެޓަސްއެވެ. މި ރިޕޯޓުގައި ވޯލްޑް ބޭންކުގެ ފަރާތުން ވަނީ ރާއްޖޭގެ އިޤްްތިޞާދީ ދުވެލި ބާރަށް ކުރިއަރަމުންދާ ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން މި ވޭތުވެ ދިޔަ 2 އަހަރު އަހަރުން އަހަރަށް 20 އިންސައްތަ އިޤްތިޞާދު ކުރިއެރުން ފާހަގަވެފައިވާއިރު، މިއަހަރު 17 އިންސައްތައިގެ ކުރިއެރުމެއް އަންދާޒާ ކުރެވޭ ކަމަށް ވަނީ ލަފާކޮށްފައެވެ..
Launching of the World Bank Maldives Development Update | Navigating a Tight Line | April 2023 https://t.co/Dm0hY2CNqQ
— World Bank Maldives (@WBMaldives) May 7, 2023
މީގެ އިތުރުން ރާއްޖޭގެ ދަރަނިތައް ބޮޑުވަމުން ގޮސްފައި ވުމާއެކު، ދައުލަތުގެ ޙަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ޙަރަދުތައް ފޫނުބެއްދޭ ކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ޓެކްސް ފިޔަވަޅުތަކާއި އެކު ޙަރަދުތައް ކުޑަކުރުމަށާއި އެފިޝެންސީ އިތުރުކުރުމަށް ފިޔަވަޅު އެޅުމުގެ މުހިންމު ކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން އެންމެ މުހިންމު އެއް ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރީ، ޙަރަދު ކުޑަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ވާހަކައެވެ. އެގޮތުން ހަމައެކަނި ޓެކްސްއަށް ގެނައި ބަދަލު ނުފުދޭ ކަމަށާއި، ހަރުދަނާ ގޮތެއްގައި ޙަރަދު ކުޑަކުރަން ސަބްސިޑީ ރިފޯމްތައް ތަންފީޒު ކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ވީހާވެސް އަވަހަށް ކުރުމަށް އެ ބޭންކުން ވަނީ ލަފާދީފައެވެ.
މީއާއެކު ދެން ލަފާދީފައިވަނީ ސަރުކާރުގެ ދަރަނިއަށް ރައްކާތެރިވުމަށް ހަރުދަނާ ޑެބްޓް މެނޭޖްމެންޓް ފްރޭމްވޯކެއް ޤާއިމް ކުރަން ޖެހޭ ކަމުގައެވެ. މީގެ އެއް ބޭނުމަކީ، ސަރުކާރުން ލޯން ނަގާނެ އުސޫލެއް ޤާއިމްކޮށް ލޯން ނަގަން ޖެހޭ ހާލަތާއި ނަގާނެ ފަރާތްތަކާއި ދެނެގަނެވި، ދަރިނިއަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަނބުރާ ދެއްކުމުގެ ޤާބިލީއްޔަތުކަން ރަނގަޅަށް ދެނެގަތުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށްވެސް ރަނގަޅު ފްރޭމްވޯކެއް ހެދުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ. މިފަދަ މަޝްރޫޢުތަކަށް ކުރެވޭ ޙަރަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ޙަރަދުތައްކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢު ހިންގަން ނިންމާ ގޮތާއި، މަޝްރޫޢުގެ ބޭނުންތެރިކަން ކަނޑައަޅާ ގޮތް އާންމުކޮށް އިއުލާންކުރެވިފައިވާ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ލަފާ ދީފައެވެ. އަދި މީގެ އިތުރުން މިފަދަ މަޝްރޫޢުތައް މޮނީޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް އޮތުން މުހިންމުކަން އެ ބޭންކުން ފާހަގަކުރެެވެ.
މީގެ އިތުރުން އެސްއޯއީ ތަކުގެ ޙަރަދުތައް ކުޑަ ކުރުމަށް ރަނގަޅު އޯވާސައިޓް ނިޒާމެއް ޤާއިމް ކުރުމާއި، ޕްރައިވެޓައިޒްކޮށް ނޫނީ ހަރުދަނާ ޤަވާދުތަކެއްގެ ދަށުން އެސްއޯއީތައް ހިންގުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ. އަދި އެސްއޯއީތަކަށް ސަރުކާރުން ކުރާ ޙަރަދު ވަކި ވަރެއްގައި ހިފެހެއްޓި އެސްއޯއީ ތަކުގެ މާލީ މިނިވަންކަން ދެމެހެއްޓެނިވި ގޮތެއްގައި އޮތުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓް ހުށަހެޅުމަށް ފަހު ހާއްސަ ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ފިނޭންސް މިނިސްޓްރީ އާއި އެމްއެންޔޫ އަދި ވޯލްޑް ބޭންކުގެ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.