Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

އާސެނަލުން ސިޓީއާ ވިއްދާފައި، ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި އޮތް އާސެނަލުން ރޭ ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކުރިއިރު ވެސްޓްހަމް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މި މޮޅާ އެކު ލީގުގެ ދެވަނައިގައި އާސެނަލް އޮތީ 35 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 34 މެޗުން ލިބުނު 82 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ނިއުކާސަލް އެވެ. ހަތަރުވަނައިގައި 63 ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އޮޑެގާޑް މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ކާމިޔާބު ކުރަން އޮޑެގާޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިފާއުކުރީ އެޓީމުގެ ގޯލްކީޕަރު ނިކް ޕޯޕް އެވެ.

ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ނިއުކާސަލުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން އިސާކް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ނިއުކާސަލްގެ ޑިފެންޑަރު ފަބިއަން ޝާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ.

މި މެޗުގައި އާސެނަލުން ޖެހި ދެވަނަ ގޯލަކީ ނިއުކާސަލްގެ ޝާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ މާޓިނެއްލީ ނިއުކާސަލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައިގައި ޝާ ފައި ޖައްސާލުމުން ވަނީ ގޯލަށެވެ.

ވެސްޓްހަމް އަތުން ޔުނައިޓެޑް ބަލިވިއިރު އެޓީމު ވަނީ ލީގުގައި އެންމެފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ. އެ މެޗުން ވެސް ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ.

ވެސްޓްހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ގޯލު ވެސްޓްހަމަށް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސައީދް ބެންރަހްމާ އެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބެންރަހްމާ އާދައިގެ ގޮތަކަށް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ އަށް ހެދުނު ގޯހަކުންނެވެ.

ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. ނަމަވެސް ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އެންތޮނީ މާޝިއަލް ފޮނުވާލި ހަމަލާ މަތަކުރީ ވެސްޓްހަމްގެ ގޯލްކީޕަރު ފަބިއަންސްކީ އެވެ.