Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މެސީ ނެތި ޕީއެސްޖީ މޮޅުވެއްޖެ

ފްރެންޗް ލީގުގައި ރޭ ޓްރޮޔެސް އަތުން 3-1 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

މި މެޗުގައި ދެ ހަފްތާ އަށް ސަސްޕެންޑްކޮށްފައިވާ ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކުޅެފައެއް ނުވެ އެވެ. ޕީއެސްޖީން މެސީ ސަސްޕެންޑް ކުރީ އެ ކްލަބުގެ ހުއްދަ ހޯދުމަކާ ނުލައި މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކާއި ގުޅިގެންނެވެ. އެ ދަތުރަކީ ސައުދީގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މެސީ ކުރި ދަތުރެކެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވަނީ ސައުދީގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

ޓްރޮޔެސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު މެޗުގެ 8 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ޕީއެސްޖީގެ ދެވަނަ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ވިޓީނިއާ ކާމިޔާބު ކުރިއިރު މެޗުގެ 83 ވަނަ މިނެޓްގައި ޗަވަލެރިން ވަނީ ޓްރޮޔެސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ފަބިއަން ރުއިޒް ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ތިން ޕޮއިންޓް އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޕީއެސްޖީ މިހާރު އޮތީ 78 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 72 ޕޮއިންޓާ އެކު ލެންސް އޮތްއިރު 70 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ މާސޭ އެވެ.

ރޭގެ މޮޅާއެކު ފްރެންޗް ލީގު ކަށަވަރު ކުރަން ޕީއެސްޖީ އަށް މިހާރު ބޭނުން ވަނީ ތިން މޮޅެވެ.