އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާ އެކީ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ ރަށުގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މި މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާމިގިލީ އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު 78 ފުޅި ބަނގުރާ ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.
މި މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.