Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޕާޓީން ވަކިވިޔަސް މަގާމުތަކުގައި ތިބެން އެދިއްޖެ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި މެންބަރުންތަކެއް އެ ޕާޓީން ވަކިވި ނަމަވެސް އެ މެންބަރުން ސަރުކާރުގެ މަގާމުތަކުގައި ދެމިތިބުމަށް ޕާޓީން އެދިއްޖެ އެވެ.

އެމްއާރްއެމްގެ އެކްސްކޯގެ 8 މެންބަރަކު އެ ޕާޓީން އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ކުންފުނިތަކުގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ޕާޓީގެ އިސް ބަޔަކު ޕާޓީން ވަކިވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ މެންބަރުން ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި މެންބަރުން ސަރުކާރުގެ މަގާމުތަކަށް ހަމަޖެއްސުމަށް ފޮނުވީ އެއީ ގާބިލް ބޭފުޅުންނަށްވާތީ ޕާޓީގެ އެދުމަކީ މިހާރު ތިއްބެވި ސަރުކާރުގެ މަގާމުތަކުގައި ދެމިތިއްބެވުމަށް އެދޭ ކަމަށެވެ.

އެ ޕާޓީން ބުނީ ޕާޓީ ފެށިގެން އައީ އަދި ކުރިއަށް ދާނީ ވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަމުން ކަމަށެވެ. އެ މަގުސަދު ހާސިލު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދޭ ކަމަށް ބުންޏެވެ.

އެމްއާރްއެމުން އިސްތިއުފާ ދެއްވި މެންބަރުންނަކީ:

* ތަޒްމީލް އަބްދުއްސަމަދު: އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު
* މުހައްމަދު ރާއިދު: އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު
* މުހައްމަދު ފައިސަލް: ޑެޕިއުޓީ އެމްބެސެޑަރު/ޔޫއޭއީ
* އަބްދުލް ހަމީދު އަހުމަދު: ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރު
* ޝަޒައިލް ޝިއާމް: މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު
* އިބްރާހިމް ފަރުހާދު: ސީނިއާ ޕޮލިސީ ޑިރެކްޓަރު
* އިސްމާއީލް ނާއީލް ނަަޝީދު: ޑިރެކްޓަރު ކޮމިއުނިކޭޝަން/ހެރިޓޭޖް މިނިސްޓްރީ
* ހަސަން ރައްޔާން އަހްމަދު: އެކްސްކޯ މެންބަރު

އެމްއާރުއެމް އިން އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން އިއުލާންކޮށްފައިވެ އެވެ. އެ ބޭފުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހީލަތްތެރި މަގުސަދުތަކެއް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރާ ބަޔަކު އެމްއާރްއެމް "ހައިޖެކްކޮށްފައިވާ" ކަމަށެވެ.