މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތުރިލާ "ނީނާ" ގެ ތަރިންތަކެއް އެ މީހުންގެ ކެރެކްޓާތަކަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ޓްރެއިިންތަކެއް ދައްކުވައިދޭ ވީޑިއޯއެއް އެ ފިލްމު ގެނެސްދޭ އައި ފިލްމްސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
ޔޫޓިއުބަށް ދޫކޮށްލި ވީޑިއޯގައި "ނީނާ" ގެ ޓައިޓްލް ރޯލު ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އާ އެކީ ފިލްމުގެ ރޯލަކުން ފެންނާނެ ހަމްދޫން ފާރޫގާއި އެ މީހުންގެ ޓްރެއިނަރުން ފެނިގެންދެ އެވެ.
"ނީނާ" އަކީ 2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. މީގެ ޝޫޓިން އޮތީ 2020 ގެ ކުރީކޮޅު ނިންމައިފަ އެވެ. ފިލްމުގެ ބޮޑު ބައި ޝޫޓްކުރީ ލ. އަތޮޅުގަ އެވެ.
"ނީނާ" ބެލުންތެރިންނަށް ގެނެސްދިނުން ލަސްވީ ކޮވިޑާ ހެދި އެވެ. އެކަމަކު 2021 ގައި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ ޓީޒާއެއް ވެސް އާންމުކުރި ނަމަވެސް، ފަހުން މި އަޅުވާނެ ތާރީހަކާ ބެހޭ ގޮތުން އައި ފިލްމްސް އިން ވަކި އެއްޗެއް ނުބުނެ އެވެ.
ނުޒޫގެ ތިން ލުކެއް ފެންނާނެ އަދި ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ނީނާ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ޖުމައްޔިލް ނިމާލު (ޖުމަލް) ގެ އިތުރުން 1980 ގެ ތެރޭގައި ފިލްމީ ދާއިރާ އިން ވިދައިލި ބަތަލާ، މަރަދޫ މަރިޔަމް ރަޝީދާ ހިމެނެ އެވެ.
އިއްލެ މިހާރު އަންނަނީ "ފްރީ ޑެލިވަރީ" ކިޔާ ފިލްމެއް ޑައިރެކްޓްކުރަމުންނެވެ.