Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

މިނީ ކިސް: އެންމެ ކުރު މީހުންގެ ބޭންޑް

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ކޮންމެވެސް ގޮތަކުން ލިބިދާނެ އެވެ. އޮތީ އެކަމަށް މަސައްކަތެއްކޮށްލުމެވެ. ވަރަށް ކޫސަނި ކަންކަމުން ފެށިގެން ގޮސް އާދަޔާހިލާފު ކަންކަމުން ވެސް ރެކޯޑެއް ލިބިދާނެ އެވެ.

އެމެރިކާގެ މި ބޭންޑް ވެސް ރެކޯޑް ފޮތަށް އެރީ ހަމަ ތަފާތަކާ އެކީގަ އެވެ. "މިނީ ކިސް" ކިޔާ މި ރޮކް ބޭންޑު ރެކޯޑް ފޮތުން ޖާގަ ހޯދީ އެންމެ ކުރު ފިރިހެން މެމްބަރުން ތިބި ބޭންޑްގެ ގޮތުގަ އެވެ. ހަތަރު މެމްބަރުން ހިމެނޭ މި ބޭންޑްގެ މެމްބަރުންގެ އެވްރެޖް އިސްކޮޅަކީ 4 ފޫޓް 6.5 އިންޗި އެވެ.

"މިނީކިސް" ގެ މެމްބަރުން އިސްކޮޅުން ކުރަޔަސް ކިތަންމެ ބޮޑު ސްޓޭޖަކަށް ވެސް އެ މީހުން ހެޔޮވަރެވެ. ހުށަހަޅައިދޭ ވަރުގަދަ ލަވަތަކުންނާއި ސްޓޭޖްމަތީގައި ދައްކުވައިދޭ ޕަފޯމަންސްތަކުން މެމްބަރުންގެ ކެރިފޯރުންތެރިކަން ހަމަ ވަރަށް ގަދަ އެވެ. އާންމު އެހެން ބޭންޑްތަކާ އެއްވެސް ތަފާތެއް ނެތް ވަރަށް "މިނީ ކިސް" ގެ ޖޯޝާއި ފޯރި ގަދަ އެވެ.

މި ބޭންޑްގެ ބާނީ އަކީ ލުއީ ފެޓޭލް އެވެ. އޭނަ ބުނި ގޮތުގައި ބޭންޑް އުފެދުނީ 1996 ގަ އެވެ. އަދި "މިނީ ކިސް" އެ ނަން އުފެދިގެން އައީ އޭނަގެ ފެވަރިޓް ބޭންޑް ކަމަށްވާ 1973 ގައި ވުޖޫދަށް އައި އެމެރިކާގެ ނިއު ޔޯކަށް ނިސްބަތްވާ ރޮކް ބޭންޑް "ކިސް" އާ ގުޅުވައިގެންނެވެ.

"އެ ބޭންޑްގެ މެމްބަރުންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އަހަރެމެންގެ ބޭންޑަށް މިނީ ކިސް ކިޔަން ނިންމީ،" ލުއީ ބުންޏެވެ. "ބޭންޑްގެ ކުރީކޮޅު އަހަރެމެން ޕަފޯމްކުރަމުން އައީ ކިސް ލަވަތަކަށް ތުންތަޅުވައިގެން. އެކަމަކު ފަހުން އަމިއްލަ މިއުޒިކް އުފައްދަން ފެށުނީ."

"މިނީ ކިސް" އޮތީ ލިބުނު ރެކޯޑާ އެކީ މިހާރު ވަރަށް އުފަލުންނެވެ. މެމްބަރުން ތިބީ ބޭންޑާއިގެން ކުރިއަށް ދާށެވެ.