ޕީއެސްޖީން އެޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޕީއެސްޖީން މުސާރަ ނުލިބޭ ގޮތަށް މެސީ ދެ ހަފްތާ އަށް ސަސްޕެންޑް ކުރީ އެ ކްލަބުގެ ހުއްދަ ހޯދުމަކާ ނުލައި މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކާއި ގުޅިގެންނެވެ. އެ ދަތުރަކީ ސައުދީގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މެސީ ކުރި ދަތުރެކެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވަނީ ސައުދީގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.
ސަސްޕެންޝަނާއި ގުޅިގެން މެސީ ވަނީ ޕީއެސްޖީގެ މެނޭޖްމެންޓާއި ކުޅުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ މައާފަށް އެދުމުން ޕީއެސްޖީން މިހާރު ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ. އެގޮތުން މެސީ ވަނީ މިއަދު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ވެސް ނިކުމެފަ އެވެ.
⚽️🔛 Leo Messi back in training this Monday morning. pic.twitter.com/Neo6GEWEIm
— Paris Saint-Germain (@PSG_English) May 8, 2023
މެސީ ނެތި ފްރެންޗް ލީގުގައި ޕީއެސްޖީން ރޭ ވަނީ ޓްރޮޔެސް އަތުން 3-1 އިން މޮޅުވެ ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.
ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު ކޮންޓްރެކްޓް އާނުކޮށް އޭނާ އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް މިހާރު ވަނީ ބެލެވިފަ އެވެ. މެސީ އަނބުރާ ގެންދަން އޭނާ ކުރިން ކުޅުނު ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.