ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ވިދިޔާ ބާލަންގެ އާ ފިލްމު "ނީޔަތު" ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމައި އޭގައި ޕޯސްޓަރު ވެސް އާންމުކޮށްފި އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި މާޑާ މިސްޓްރީ ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ ޖުލައި 7 ގަ އެވެ.
އަބުންދަންތިއާ އެންޓަޓައިންމަންޓާއި އެމެޒޯން ޕްރައިމް ވީޑިއީ ގުޅިގެން ހަދާފައިވާ "ނީޔަތު" ގެ ކާސްޓްގައި ރާހުލް ބޯސް، ރާމް ކަޕޫރް، އަމްރިތާ ޕޫރީ، ނީރަޖް ކަބީ، ޝަހާނާ ގޮސްވާމީ، ނިކީ ވާލިއާ، ދިޕާތިނާ ޝަރުމާ، ޝަޝަންކް އަރޯރާ އަދި ޕްރަޖަކްތާ ކޯލީ ހިމެނެ އެވެ.
ވިދިޔާގެ ލުކް ވެސް ވަރަށް ތަފާތު ގޮތަކަށް ފެންނާނެ މި ފިލްމުގެ ޑައިިރެކްޓަރަކީ 2020 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ވިދިޔާ ކުޅުނު ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" ގެ ޑައިރެކްޓަރު އަނޫ މެނަން އެވެ. ވިދިޔާގެ އެންމެ ފަހު ތިން ފިލްމު ވެސް ބޮޑު ސްކްރީންގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކޮށްފައިވާތީ "ނީޔަތު" އަކީ ގިނަ ދުވަސްތަކެއް ފަހުން ބޮޑު ސްކްރީނުން، ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ފެންނާނެ ފުރަތަމަ ފިލްމެވެ.
ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ އެމެޒޯން ޕްރައިމުން މިދިޔަ އަހަރު ގެނެސްދިން "ޖަލްސާ" އެވެ. އޭގެ ކުރިން ގެނެސްދިން އޭނަގެ ފިލްމަކީ 2021 ގެ "ޝޭރުނީ" އެވެ.