Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ދީނަށް ފުރައްސާރަކުރި ދެ މީހަކު މަރާލައިފި

އިސްލާމް ދީނަށް ފުރައްސާރަކުރި ދެ މީހަކަށް އިރާނުން މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ކީރީތި ޤުރުއާން އަންދާލައި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި ދަންޖައްސައި މިއަދު މަރާލީ ޔޫސުފް މެހެރާދު ކިޔާ މީހަކާއި ސަދުރުﷲ ފަޒޭލީ-ޒަރޭ ކިޔާ މީހެއް ކަމަށެވެ. އެ ދެ މީހުންނަކީ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އިތުރަށް މީހުން މަގުފުރައްދަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް އެކައުންޓެއް ވެސް ހިންގަމުން އައި ބައެކެވެ.

އެގޮތުން 2020 ގައި ޔޫސުފާއި ސަދުރުﷲ ހައްޔަރުކުރީ ޓެލެގްރާމްގައި "ކްރިޓިސިޒަމް އޮފް ސުޕާސްސްޓިޝަން އެންޑް ރިލިޖަން" ގެ ނަމުގައި އެކައުންޓެއް ހިންގަމުންދާކަން ފަޅާއެރުމާ ގުޅިގެންނެވެ. އެ ދެ މީހުންގެ މައްޗަށް އަރާކް ކްރިމިޓަލް ކޯޓުން މަރުގެ ހުކުން އިއްވީ 2021 ގަ އެވެ.

އެ މީހުންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވުމާ ގުޅިގެން އެ މީހުންގެ މައްޗަށް މިއަދު މަރުގެ ހުކުމް ތަންފީޒުކުރީ އަރާކު ޖަލުގަ އެވެ.

މިކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަނެއްކާ ވެސް އިރާންގެ ސަރުކާރާއި ޖުޑިޝަރީ އަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އިންސާނީ ހައްގުތަކަށް ވަކާލަތުކުރާ ބައެއް ޖަމިއްޔާތަކާއި އެކްޓިވިސްޓުންތަކެއް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އިރާންގައި މި ފަހަކަށް އައިސް އަލުން މަރުގެ ހުކުމް ތަންފީޒުކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން ސަރުކާރާ ދެކޮޚަށް ފެށި މުޒާހަރާތަކުން ވެސް ހައްޔަރުކޮށް ދައުވާ އުފުލި ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.