Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝާހިދާއި ޕޫޖާ އަށް "ކޮއީ ޝަކް"

ޝާހިދު ކަޕޫރާއި ޕޫޖާ ހެގްޅޭ "ކޮއީ ޝަކް" ކިޔާ ތުރިލާއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި މަހުގެ ތެރޭގައި ޝޫޓިން ވެސް ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ އެއްޗެކެވެ. އެގޮތުން ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއް ދައްކުވައި ދޭނެ މި އެކްޝަން ތުރިިލާގެ ޑައިރެކްޓަރަކީ މަޝްހޫރު މަލަޔާޅަމް ޑައިރެކްޓަރު ރޯޝަން އެންޑްރޫސް އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަޓަޑޭ ނައިޓް" އެވެ.

"ކޮއީ ޝަކް" އިން ޝާހިދާއި ޕޫޖާގެ ޖޯޑު އަލަށް ސްކްރީނަށް ގެންނަން މަސައްކަތް ފެށި އިރު، ޒުވާން ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ސަލްމާން ޚާނާ އެކީ ކުޅުނު އަދި މިދިޔަ މަހު ރިލީޒްކުރި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެވެ.

މިދިޔަ އަހަރު "ޖާޒީ" އިން ފެނިގެން ދިޔަ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 9 ގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރާ "ބްލަޑީ ޑެޑީ" އެވެ.