Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އަމިއްލަ މަސައްކަތް ކުރާ 500 މީހަކަށް މާލީ އެހީ ދެނީ

އޮތެންޓިކް މޯލްޑިވްސް ފިހާރައެއް ތެރެއިން / ފޮޓޯ: އޮތެންޓިކް މޯލްޑިވްސް

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 60،000 ރުފިޔާއާއި ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ޕްރޮގްރާމުގެ މަޤްސަދަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން 500 ފަރާތަކަށް މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭ 40 އިންސައްތަ ޖާގަ އަންހެނުންނަށް ހާއްސަކުރެވިފައިވެއެވެ. މިގޮތުން ޖުމްލަ 7 ދާއިރާއަކުން އެހީ ދިނުމަށް ވަނީ ހަމެޖެހިފައިވާ މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކޯވިޑުގެ ހާލަތުގައި ކުރަމުންދިޔަ މަސައްކަތަށް ދަތިވި ފަރާތްތަކަށް އެހީ ތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމުގައި އެހީ ދޭ ދާއިރާތަށް

1. އަތްތެރި މަސައްކަތް
2. ބިއުޓީ އަދި މޭކަޕް ކުރުން
3. ފޮޓޯ ގްރަފީ އަދި ވީޑިއޯ ގްރަފީ
4. ފެހުން އަދި ޓެކްސްޓައިލް މަސައްކަތް
5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
6. ކްރީއޭޓިވް އާޓްސް އަދި މިއުޒިކް
7. ކުޅިވަރު އަދި ފިޓްނެސް

މި ހަތް ދާއިރާއިން ބައިވެރިންނަށް ފައިސާ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން ކޮންމެ ބައިވެރިއަކަށް 60،000ރ. އާއި ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދޭއިރު، މި ފައިސާ އަކީ ވިޔަފާރިއަށް ހަރުމުދާ ގަތުމަށް އަދި ބޭނުންވާ ސްޓޮކް ގަތުމަށް ދޭ ލާރިއެވެ.

ޕްރޮގްރާމުގައި 18 އަހަރާއި 65 އަހަރާއި ދެމެދު ދިވެހި ފައިސާ އެކައުންޓެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ވޭތުވެ ދިޔަ 4 ހަފްތާގައި ވަޒީފާއެއް ނުވަތަ 20 ގަޑިއިރަށް ވުރެ ގިނައިރު ހޭދަވާ ވަޒީފައެއް އަދާ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރު 2022 އާއި ހަމައަށް ވޭތުވެދިޔަ އެއް އަހަރު ތެރޭ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން މަސައްކަތް ކުރާ ފަރާތްތަކަށް ވާން ޖެހެއެވެ. ޕްރޮގްރާމުގައި އެހީ ލިބޭނީ ޕްރޮގްރާމުގެ ވޯކްޝޮޕް ތަމްރީން ފުރިހަމަކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ޕްރޮގްރާމާއި ގުޅޭ ހުރިހާ މައުލޫމާތެއް ޖޮބް ސެންޓަރ ވެބްސައިޓުން ލިބޭނެކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިދިޔަ އެޕްރީލް މަހުގެ 16 ވަ ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.