Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޗައިނާގެ ސޯޝަލް މީޑިއާގައި ރާއްޖެ އިސްތިހާރު ކުރަނީ

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޗައިނާގެ މީސް މީޑިއާ މަންސަތައް ކަމަށްވާ ވެއިބޯ އަދި ވީޗެޓްގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ މާރިޗު އިން މޭއި މަހުގެ ނިޔަލަށް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިއީ ޗައިނާގެ ބޯޑަރު ހުޅުވުމާއި އެކު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައުން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ކެމްޕެއިނުގައި އެމްއެމްޕީއާރްސީގެ އެކައުންޓުން 45 އަމިއްލަ ޕޯސްޓް އަދި 12 އާޓިކަލް މި ދެންމަންސައިގައި ޝާޢިއު ކުރާނެއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެމްޕެއިންގެ ގާތްގަނޑަކަށް 1.4 މިލިއަން ޗައިނާ މީހުންނަށް ފޯރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް އިސްތިހާރުކޮށް އަދި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތުތަކެއް ފަހިކޮށްދޭނެއެވެ.

ޗައިނާގައި ދުނިޔޭގެ އާންމު ގިނަ މީސްމީޑިއާތައް ބޭނުން ނުކުރާއިރު، އެޤައުމުގެ ވީޗެޓް ދުވާލެއްގެ މައްޗަށް 1.14 ބިލިއަން މީހުން ބޭނުން ކުރެއެވެ. އަދި ވެއިބޯ ދުވާލެއްގެ މައްޗަށް 530 މިލިއަން މީހުން ބޭނުން ކުރާ ކަމަށް ވެއެވެ. މިއާއެކު ޗައިނާ މާކެޓުގައި ރާއްޖެއަށް މަޤްބޫލުކަން ހޯދުމަށް މި މަންސައްތަކުން ވަރަށް ބޮޑު ދައުރެއް އަދާ ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މީގެ ކުރީންވެސް މީގެ 17 ކެމްޕެއިނެއް އެމްއެމްޕީއާރްސީން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ޗައިނާ މާކެޓަކީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން މާކެޓް ބަނދުވެގެން ދިޔައިރު މިއަހަރު ކުރީކޮޅު ބޯޑަރު ހުޅުވި ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން މިވަނީ ފަށާފައެވެ. މިދިޔަ މަހުގެ ނިޔަލަށް ޗައިނާ މާކެޓަކީ 4 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.

މިއަހަރު އެޕްރީލް މަހުގެ 29 އާއި ހަމައަށް މި މާކެޓުން ރާއްޖެއަށް 30،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.