އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް މީޑިއާތަކުގައި ރިޕޯޓް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކައުންސިލުން މިކަމާއި ގުޅިގެން ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އަދި މީހުން އަމިއްލަ އަށް މަރުވާ މައްސަލަތަކުގެ ހަބަރު ގެނެސްދިނުމަކީ އެފަދަ މައްސަލަތައް އިތުރުވާން މެދުވެރިވާ ސަބަބެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާ ކަމަށް އެކައުންސިލުން ބުނެއެވެ. އަދި މިފަދަ މައްސަލަ ތަކުގައި ސަމާލުވުމަށް ދުނިޔޭ ސިއްޙަތު ޖަމީއްޔާ ޑަބްލިއުއެޗްއޯއިން ވެސް ބާރުއަޅާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅައެވެ. (2/4)
— Maldives Media Council (@mmc_mv) May 8, 2023
މީޑީއާ ކައުންސިލުން އިތުރަށް ބުނި ގޮތުގައި މީޑިއާތައް ޢަމަލުކުރަން ޖެހޭ އާންމު މިންގަނޑު ނުވަތަ ކޯޑު އޮފް އެތިކްސްގެ 25 ވަނަ މާއްދާގައިވާ ގޮތުން އަމިއްލައަށް މަރުވުމާއި ޖިނާއީ ކުށްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާއިރު، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މައުލޫމާތު ޝާއިއު ކުރުމުން ދުރުހެލިވުމަށް އޮންނަ ކަމަށެވެ. އެހެން ކަމުން ކޯޑު އޮފް އެތިކްސްއާއި އެއްގޮތަށް ޒިންމާދާރު ނޫސްވެރިކަމަށް އިސްކަން ދީގެން، މަޢުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއިން އަމިއްލަ މަރުވާ މީހުންގެ މައްސަލަތައް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅޭގޮތުން ވަނީ، ރިޕޯޓް ކުރެވޭ ގޮތަކުން އެފަދަ މައްސަލަތަކަށް ހިއްވަރު ލިބި އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ބުނެފައެވެ. އަދި ރިޕޯޓް ކުރާއިރު އެފަދަ މައްސަލަތަކުގެ ތަފްސީލުތައް ބޮޑުކޮށް ގެނެސް ނުދިނުމަށް އިރުޝާދު ދެއެވެ. މީގެ އިތުރުން މިފަދަ ޙިޔާލެއް ހުރި ފަރާތްތަކަށް އެހީތެރިކަން ލިބޭނެ ގޮތްތަށް އަބަދުވެސް ހާމަކުރުމަށް ސިއްޙަތު ޖަމީއްޔާއިން އިރުޝާދު ދެއެވެ.
އެހެންކަމުން ކޯޑް އޮފް އެތިކްސް އާ އެއްގޮތަށް ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ހަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އިލްތިމާސް ކުރަމެވެ. (4/4)
— Maldives Media Council (@mmc_mv) May 8, 2023
ރާއްޖޭގައި ބައެއް މީޑިއާތަކުގައި މީގެ ކުރީންވެސް އެފަދަ މައްސަލަތައް ގެނެސްދޭ ގޮތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ މައްސަލަތަކުގެ މައުލޫމާތު ހާމަ ނުކުރުމަށް ދިވެހި ފުލުހުންވެސް ވަނީ ނިންމާފައެވެ.