ލައުރެއުސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.
މެސީ ،35، މި އެވޯޑް ހާސިލުކުރީ ނަން މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ވާދަކޮށެވެ. އޭގެތެރޭގައި ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އާއި މޮޓޯ ރޭސިން އެތުލީޓު މެކްސް ވެސްޓާޕެން އާއި ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފޭލް ނަޑާލް އަަދި އެމެރިކާގެ ބާސްކެޓު ކުޅުންތެރިޔާ ސްޓެފަން ކަރީ ހިމެނެ އެވެ.
މިދިޔަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި މެސީ އެވޯޑް ހާސިލުކުރުމަށްފަހު ބުނީ މިއީ ހާއްސަ ޝަރަފެއް ކަމަށާއި މިއީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ޕީއެސްޖީގައި އޭނާއާއެކު ކުޅެމުން އަންނަ ކުޅުންތެރިންގެ ވެސް މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ.
މިއީ މި އެވޯޑް މެސީ ހާސިލުކުރި ދެވަނަ ފަހަރެވެ.
ރޭގެ އެވޯޑް ހަފްލާގައި ހޮވި އަހަރުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމެވެ. އަދި އެންމެ މޮޅު އަންހެން ކުޅިވަރު ޝަހުސިއްޔަތަކަށް ހޮވުނީ ޖެމެއިކާގެ ބާރު ދުވުންތެރިޔާ ޝެލީ އާން ފްރޭޒާ ޕްރައިސް އެވެ.