މި އަހަރު ރާއްޖެ އިން އެ މީހުން ހައްޖަށް ގެންދަން ހުއްދަ ދީފައިވާ ގްރޫޕަތަކަށް ޕެންޝަން ސްކީމްގެ ދަށުން ހައްޖަށްދާ މީހުންގެ ފައިސާގެ ކަންކަން ހަމަޖެއްސުމާ ގުޅޭ ގޮތުން ގްރޫތަކުން ޕެންޝަން އޮފީހާ އެކީ އެއްބަސްވުން ހަދަން ހުޅުވާލައިފި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ އެ އެއްބަސްވުން ހެދޭނީ އިސްލާމިކް މިނިސްޓްރީން މި އަހަރު ހުއްދަ ދިން ކުންފުނިތަކަށް އެކަނި ކަމަށެވެ. އެގޮތުން ޕެންޝަން ސްކީމުން ހަރަދުކޮށްގެން ހައްޖަ ދާ މީހުންނަށް އެ ފުރުސަތު އޮންނާނީ މިނިސްޓްރީން ހުއްދަ ދިން އަދި ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހަދާ ކުންފުނިތައް މެދުވެރިކޮށެވެ.
އެހެންވެ ހުއްދަ ލިބުނު ގްރޫޕްތަކަށް އެއްބަސްވުން ހަދަން މި މަހުގެ 14 އާ ހަމައަށް ޕެންޝަން އޮފީހުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން އެއްބަސްވުން ހަދަން ބޭނުންވާކަން ސިޓީއަކުން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ވެސް އެންގޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އެކަމަށް އޮތް އެންމެ ފަހު ވަގުތަކީ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މި އަހަރު ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ތިން ގްރޫޕަކަށެވެ. އެއީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.
މި ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާ އެވެ. ހަރަމައިން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައިވާ އަގަކީ 75،250ރ. އެވެ. ސިސިލްފަރުން ހުށަހަޅާފައި ވަނީ 75،465ރ. އެވެ. އަދި އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000ރ. އެވެ.
ރާއްޖެ އަށް މި އަހަރު ސައުދީ އަރަބިއްޔާ އިން ދިން 1،000 ކޯޓާގެ ތެރެއިން ތިން ކުންފުންޏަކަށް 270 ކޯޓާ ދިނުމަށް ފަހު، ބާކީ ކޯޓާ ދޭން ނިންމީ ހައްޖު ކޯޕަރޭޝަނަށެވެ.