Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

މެލޭޝިއާގެ ޤުރުއާން މުބާރާތަކުން ފުރުސަތެއް

މެލޭޝިއާގައި މި އަހަރުގެ އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މެލޭޝިއާގެ ސަރުކާރުން އޮގަސްޓް މަހުގެ 6-12 އަށް ކުއާލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ "އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023" ޤުރުއާން މުބާރާތުގެ ދެ ގޮތްޕެއްވައި ވާދަކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިންނެވެ.

އެހެންވެ އެ ދެ ގޮފީގައި ރާއްޖޭން ދެ ކުއްޖަކު ބައިވެރިކުރަން ހަމަޖެހިފައިވެ އެވެ. މުބާރާތުގައި ބައިވެރިވެވޭނީ އޮގަސްޓް 6 އަށް 13 އަހަރު ފުރިފައިވާ ކުދިންނަށެވެ.

މުބާރާތުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މީގެ ކުރިން މި މުބާރާތުގައި ވާދަކޮށް 1 ވަނަ ހޯދާފައިވާ ކުއްޖަކަށް ނުވުމާއި
30 ފޮތް ހިތުދަސް ކުއްޖަކަށްވުމާއި މުޅި ޤުރުއާން ތަޖުވީދުމަގުން ފަރިތަކަމާއެކު ދިގުރާގަށް ކިޔަވަން އެނގުން ހިމެނެ އެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:30 ގެ ކުރިންނެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތަށް ބައިވެރިން ހޮވާނީ އެކަމަށް އެދި ހުށަހަޅާ ކުދިން އިމްތިޙާނު ކުރުމަށްފަހު ކަމަށެވެ.