މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "އާރްއާރްއާރް" ޖަޕާންގެ ސިނަމާތަކުގައި ދައްކާތާ 200 އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ މި ފިލްމު ޖަޕާންގެ ސިނަމާތަކުގައި ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 އިން ފެށިގެންނެވެ. އޭރުން ފެށިގެން އެ ގައުމުގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި "އާރްއާރްއާރް" ގެ ފޯރި ވަރަށް ގަދަ އެވެ.
ފިލްމު ޖަޕާނުގައި ޕްރީމިއާކުރީ އޭގެ ޑައިރެކްޓަރާއި ލީޑް ދެ އެކްޓަރުން ކަމަށްވާ އެންޓީއާރް ޖޫނިއާ އާއި ރާން ޗަރަން ޖަޕާނަށް ގޮހެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ފިލްމަށް ޖަޕާނުން ލިބުނު އާމްދަނީ ވަނީ 1،955 ޖަޕަނީސް ޔެން (14.50 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
"އާރްއާރްއާރް" އަކީ މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ އެންމެ ކާމިޔާބޔު ފިލްމެވެ. އަދި މިއީ މިހާތަނަށް އެ ގައުމު ބޮކްސް އޮފީހުގައި ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މިދިޔަ އަހަރުގެ މާޗް 25 ގައި ރިލީޒްކުރި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ލިބުނު އާމްދަނީ 1،258 ކްރޯޑް ރުޕީސް (154 މިލިއަން ޑޮލަރު) އަށް އަރަ އެވެ. މި ފިލްމު ހެދީ 550 ކްރޯޑް ރުޕީސް (67.1 މިލިއަން ޑޮލަރު) ގެ ގެ ބަޖެޓަކުންނެވެ.
"އާރްއާރްއާރް" އަކީ އިނގިރޭސީންގެ އަޅުވެތިކަމުގެ ތެރޭގައި އިންޑިއާ އަށް އޮތް ދުވަސްވަރާ ގުޅުވައިގެން 1920 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދިން ފިލްމެކެވެ. މި ތެލެގޫ ފިލްމުގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއ އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.
"އާރްއާރްއާރް" އަކީ މި އަހަރު އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހޯދި ފިލްމެކެވެ. އެއީ ފިލްމުގެ ލަވަ "ނާޓު ނާޓު" އަށް ލިބުނު އޮރިޖަނަލް ސޯންގް އެވޯޑެވެ.