ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ސަސްޕެންޑްކުރި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމްއަށް ޕްރޮމޯޝަނެއް ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް އަބްދުﷲ އިބްރާހިމަށް ވަނީ ބްރިގޭޑިއާ ޖެނެރަލްކަން ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި އެމްއެންޑީއެފްއިން އޭރު ބުނެފައިވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑް ކޮށްފައިވަނީ، މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ 15 ވަރަކަށް މިނެޓްފަހުންނެވެ.
މި މައްސަލަ ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެކެވެ.
މޮޓޯކޭޑަށް ހުރަސްއަޅާ ރައީސްގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލައިގައި އެޅި ފިޔަވަޅުތަކުގެ އިތުރު އެއްވެސް ތަފުސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.