ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކޮށްފިއެވެ.
ޕާކިސްތާނުގެ މީޑިއާތަކާ ހަވާލާދީ ބޭރުމީޑިއާތަކުން ބުނެފައިވަނީ، އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ އިސްލާމްއާބާދުގައި ހުރި ކޯޓަކަށް ހާޒިރުވުމުންނެވެ.
އިމްރާން ޚާން ކޯޓަށް ހާޒިރުވެފައިވަނީ އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާއަކީ ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާއެއްކަމަށް އިމްރާން ޚާން ނިސްބަތްވާ ޕާޓީން އަންނަނީ ބުނަމުންނެވެ.
ސޯޝަލްމީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ސިފައިން އިމްރާން ޚާން ހައްޔަރުކޮށްފައިވަނީ ވަރުގަދަ ސެކިއުރިޓީއާ އެކުއެވެ. އެގޮތުން އިމްރާން ޚާންގެ ވަށައިގެން ގިނައަދަދެއްގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އަދި އިމްރާން ޚާންގެ ވަކީލުންނަށްވެސް ސިފައިން ހަމަލާދީފައިވާކަމަށް ބުނެފައިވެއެވެ.
Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4
— PTI (@PTIofficial) May 9, 2023
އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު 2022 ވަނަ އަހަރުގެ އޭޕްރިލް ގައެވެ. އޭގެފަހުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިމްރާން ހާންގެ ހަށިކޮޅަށް ބަޑީގެ ހަމާލާއެއް ދީފައިވެއެވެ.
ބޮޑުވަޒީރުކަމުން ދުރުކުރިފަހުން އިމްރާން ޚާން އިސްވެ ހުންނަވާ އަންނަނީ އަަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ޕާކިސްތާނުގައި އިންތިހާބު އޮންނާނީ މިއަހަރު އޮކްޓޫބަރު މަހުއެވެ.