މަޝްހޫރު އެކްޓަރު ޕްރަބާސްގެ ފިލްމު "އާދިޕުރުޝް" ގެ ޓީޒާއެއް މިދިޔަ އަހަރު ދައްކައިލުން ވަރަށް ގިނަ ބަޔަކު އެއަށް ޖޯކް ޖެހި އެވެ. މައްސަލައަކަށްވީ އެއިން ފެންނަ ފިލްމުގެ ވީއެފްއެކްސްގެ ފެންވަރު ދަށްކަމުން އެނިމޭޓެޑް ފިލްމަކާ ވައްތަރުވުމެވެ. ނަތީޖާ އަކީ އެފަދަ މަލާމާތާއި ޖޯކާ ހެދި ފިލްމު ފަސްކުރަން ވެސް ނިންމުމެވެ.
"އާދިޕުރުޝް" ގެ ޓީމުން ބޭނުންވީ ފިލްމުގެ ވީއެފްއެކްސްގެ ކޮލިޓީ ރަނގަޅު ކުރަން އިތުރު ވަގުތެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު އިންތިޒާކުރަމުން ދިޔައީ ދެން އެ މީހުން ދައްކައިލާނެ އެއްޗަކަށެވެ. އެ އިންތިޒާރަށް މިއަދު ނިމުން އައިސް ފިލްމުގެ ރަސްމީ ޓްރެއިލާ މިއަދު ދައްކައިލުމާ އެކީ ވީފްއެކްސްގެ ފެންވަދަށް ގެނެސްފައި ކުރިއެރުންތަކުން ޔޫޓިއުބްގައި ޓްރެއިލާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ވަރަށް ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި އެ މީހުން އުންމީދުރި ވަރަށް މާ ބޮޑަށް ވެސް ޓްރެއިލާ އިން ފެންނަ ވީއެފްކްސް ރަނގަޅެވެ. އެކަމަކު ދެން އޮތީ މުޅި ފިލްމު ބަލާލައި އެއަށް ޖަޖްކުރުމެވެ.
އެކަމަކަށް ވެސް މާ ގިނަ ދުވަހެއް ނެތެވެ. އަންނަ މަހުގެ 16 ގައި "އާދިޕުރުޝް" ސިނަމާތަކަށް ގެންނާނެ އެވެ. މި ފިލްމަކީ އިންޑިއާގެ ހީންދޫންގެ ތެރޭގައި ކިޔައިއުޅޭ މަޝްހޫރު ހުރާފީ ވާހަކައެއް ކަމަށްވާ ރާމަޔަން އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ޕްރަބާސްއާ އެކީ ފިލްމުގެ މައިގަނޑު ކާސްޓުން ފެންނަނީ ކްރިތީ ސެނަން އާއި ސަނީ ސިންގްގެ އިތުރުން ސައިފް އަލީ ޚާނެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތު އެވެ. އޭނަ އަކީ 2020 ގައި އަޖޭ ދޭވްގަނާ އެކީ ކާމިޔާބު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރެވެ.