Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ސައުދީ ލީގަށް ބަދަލުވާކަށް މެސީ އެއްބަހެއް ނުވޭ

އަންނަ ސީޒަނުގައި ސައުދީ ލީގުގެ ކްލަބަކަށް ބަދަލުވާން ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެއްބަސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާގެ ބައްޕަ އަދި އެޖެންޓް، ޖޯޖް މެސީ ދޮގުކޮށްފި އެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ އެ ކްލަބް ދޫކޮށްލާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. މެސީ ގެންނަން ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ އަލް ހިލާލް އާއި ސްޕެއިންގެ ބާސެލޯނާ އަދި އެމެރިކާ ލީގުގެ ބައެއް ކްލަބުތަކުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އަންނަ ސީޒަނުގައި މެސީ ސައުދީ ލީގަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ބުނެ މިއަދު މީޑިޔާގައި ފެތުރުނު ހަބަރުތަކާއި ގުޅިގެން މެސީގެ ބައްޕަ ބުނީ އަންނަ ސީޒަނުގައި މެސީ ކުޅޭނެ ކްލަބެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ މި ސީޒަނަށްފަހު ކަމަށެވެ. އެގޮތުން މެސީ ދެން ކުޅޭނެ ކްލަބެއް ނިންމާނީ ސީޒަން ނިމުމުން ހުރިހާ ކަމެއް ދިރާސާކޮށް ބެލުމަށްފަހު ކަމަށް ޖޯޖް ބުންޏެވެ.

މެސީގެ ކުރިމަގާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު ޕީއެސްޖީން ދާދިފަހުން ވަނީ އޭނާ ދެ ހަފްތާ އަށް ސަސްޕެންޑްކޮށްފަ އެވެ.

ޕީއެސްޖީން މުސާރަ ނުލިބޭ ގޮތަށް މެސީ ދެ ހަފްތާ އަށް ސަސްޕެންޑް ކުރީ އެ ކްލަބުގެ ހުއްދަ ހޯދުމަކާ ނުލައި މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކާއި ގުޅިގެންނެވެ. އެ ދަތުރަކީ ސައުދީގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މެސީ ކުރި ދަތުރެކެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވަނީ ސައުދީގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

ސަސްޕެންޝަނާއި ގުޅިގެން މެސީ ވަނީ ޕީއެސްޖީގެ މެނޭޖްމެންޓާއި ކުޅުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ.

މެސީ މައާފަށް އެދުމުން ޕީއެސްޖީން މިހާރު ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ. އެގޮތުން މެސީ ވަނީ އިއްޔެ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ވެސް ނިކުމެފަ އެވެ.