Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިމްރާން ހައްޔަރުކުރުމުން ޕާކިސްތާން ހަމަނުޖެހުމަކަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން މިއަދު ހައްޔަރުކުރުމުން އެގައުމުގެ އެކި ސިޓީތަކުގައި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.

އިމްރާން ހައްޔަރު ކޮށްފައިވަނީ އިސްލާމްއާބާދުގައި ހުރި ކޯޓަކަށް ހާޒިރުވުމުންނެވެ. އިމްރާން ހައްޔަރު ކުރީ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު 239 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އިމްރާން ހައްޔަރުކުރުމާ ގުޅިގެން އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ޕާކިސްތާނުގެ ބޮޑެތި ސިޓީތައް ކަމަށްވާ ކަރާޗީ، ލާހޯރް އަދި ޕެޝާވަރްގެ މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން މައިތިރި ކުރަން ފުލުހުން ކަރުނަ ގޭސް ޖަހަމުންދާއިރު އިމްރާންގެ ޕާޓީން ވަނީ މުޅި ޕާކިސްތާނުގައި މުޒާހަރާތައް ކުރަން ގޮވާލާފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު 2022 ވަނަ އަހަރުގެ އޭޕްރިލްގަ އެވެ. އޭގެފަހުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިމްރާން ހަށިކޮޅަށް ބަޑީގެ ހަމާލާއެއް ވެސް ދީފައިވެ އެވެ.

ބޮޑުވަޒީރުކަމުން ދުރުކުރިފަހުން އިމްރާން އިސްވެ ހުންނަވާ އަންނަނީ އަަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ޕާކިސްތާނުގައި އިންތިހާބު އޮންނާނީ މިއަހަރު އޮކްޓޫބަރު މަހު އެވެ.