މި ސަރުކާރުގެ ހައުސިންގް ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ 4000 ހައުސިންގް ޔުނިޓްގެ މަޝްރޫޢު ނިންމަން އިތުރު ލޯނެއް ނަގަން ނުޖޭހެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ، މި ސަރުކާރުން ކުރިއަށް ގެންދާ ހައުސިންގް މަޝްރޫޢުގެ ފިނިޝިން މަސައްކަތް ކުރުމަށް، އިތުރު ލޯނެއް ނަގަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުގައި ގެނެސްފައިވާ ހަބަރާއި ގުޅިގެންނެވެ. އެ ކޯޕަރޭޝަނުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނީ، އެ ކޯޕަރޭޝަންގެ މަޝްރޫޢުތައް ހަވާލުކުރާނީ ހުރިހާ ފިނިޝިން މަސައްކަތެއް ނިންމުމަށް ފަހު ކަމަށެވެ.
އެގޮތުން މިމަސައްކަތް ކުރުމަށް މިހާރުވެސް ނަގާފައިވާ ދެ ލޯނު ފުދޭ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން ފްލެޓްތައް ނިމޭއިރު ލައިޓް ޖަހާ، ފަންކާ ހަރުކޮށް ކުޑަ ދޮރާއި ދޮރުތައް ހަރުކޮށް، ފާހާނާ ފިޓިންގްސް ހަރުކޮށް ޓައިލްސް ޖަހައި މިއާއެކު އެހެން ފިނިޝިން މަސައްކަތްތައް ވެސް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގަން ނުޖެހޭތާ، އެއްވެސް ބޭންކަކާއި އެކު ފިނިޝިން މަސައްކަތް ނިންމުމަށް ލޯނެއް ނެގުމަށް މަޝްވަރާވެސް ކޮށްފައި ނުވާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވަނީ މި ފްލެޓްތަކަކީ އެތަށް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ތަންތަން ކަމަށްވާއިރު، ހަޤީޤަތާއި ޙިލާފު މިފަދަ މައުލޫމާތު ފެތުރުމަކީ އެކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.
މިއީ މިސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.