Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެމްފައިސާ އެސްޓީއޯ ބޮޑު ފިހާރައިން ބަލައިގަންނާނެ

އެސްޓީއޯއަށް އުރީދޫ އެމްފައިސާ ތަޢާރަފް ކުރުމުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫގެ އެމްފައިސާ ބޭނުންކޮށްގެން އެސްޓީއޯގެ މައި ފިހާރަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރެވޭ ގޮތް ހަދައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފުލާއެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި އުރިދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ އެސްޓީއޯ އާ ގުޅިގެން ވިޔަފާރިކުރާފަރާތްތަކަށް ޕޭމަންޓު ހެދުމަށް ޒަމާނީ ހައްލެއް ހޯދައިދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އުރީދޫން ޙިދުމަތް ތަޢާރަފް ކުރަމުން ބުނެފައިވަނީ، މިއީ އަވަސް، ރައްކާތެރި އަދި ފަސޭހަ ނިޒާމެއް ކަމުން އެމްފައިސާ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސާހަ ވެގެން ދާނެ ކަމަށެވެ.

އެމްފައިސާ އަކީ އުރީދޫ މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިން ޕޭމަންޓުތައް ހެދުމަށް ބޭނުންކުރާ ގޭޓްވޭ އެކެވެ. މިހާރު ވެސް އޫރިދޫގެ ހިދުމަތްތަކުގެ އިތުރުން، ގިނަ ވިޔަފާރިތަކުން ހޯދާ ހިދުމަތްތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ޕޭމަންޓު ހެދެ އެވެ.