Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ރެއާލާއި ސިޓީ ކުޅުނު ފުރަތަމަ ލެގު އެއްވަރު

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސިޓީގެ އާލިން ހާލަންޑާއި ރޮޑްރީ އަދި ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ސިޓީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 36 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ވިނީޝަސް މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރެއާލް ލީޑުގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގައި ރެއާލުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 67 ވަނަ މިނެޓްގައި ސިޓީން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. ރެއާލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ޑި ބްރޭނާ އެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފަހުކޮޅު ރެއާލްގެ އައުރެލިއަން ޝުއަމީނީ ވަނީ ދުރުން ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ އަތުން ޖައްސައި ބޭރުކޮށްލާފަ އެވެ.

މި ނަތީޖާއާއެކު ސިޓީން ވަނީ ބަލިނުވެ 21 މެޗު މިހާރު ހަމަކޮށްފަ އެވެ. އޭގެތެރެއިން 17 މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ.

ރެއާލް އާއި ސިޓީ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.