އަމިއްލަ ގަހަނާ ފިހާރަ އިން ވައްކަން ކުރިކަން ދައްކުވަން މަސައްކަތްކޮށް ބޮޑު އަދަދަކުން އިންޝުއަރެންސް ފައިސާ ހޯދަން ރޭވި މައްސަލައެއްގައި އޮސްޓްރޭލިއާގެ ނުފޫޒު ގަދަ ގަހަނާގި ވިޔަފާވެރިޔަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ މެދުތެރޭ ސިޑްނީގައި ހިންގަމުން އަންނަ ލަގްޒަރީ ގަހަނާ ފޮހާރަ "ޖާނަމަނީ ޖޯޖް ސްޓޯރު" އިން ވައްކަންކުރި ކަމަށް ހަދަން "ފޭކް" ވައްކަމުގެ ހާދިސާ ރޭވި މައްސަލާގައި އެތަނުގެ ވެރިޔާ މައިކަލް ޖާމަނީ، 65، ހައްޔަރުކުރި އިއްޔެގެ ވެގުތެއްގައި ކަމަށެވެ. އަދި ފިހާރަ ފުލުހުން ވަނީ ރެއިޑް ވެސް ކޮށްފަ އެވެ.
މި މައްސަލާގައި މައިކަލް ހައްޔަރުކޮށް އޭނަގެ މައްޗަށް ތަފާތު ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަކަރާއި ހީލަތް ހެދުމުގެ އިތުރަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ހިމެނެ އެވެ.
ޖޯޖްގެ ފިހާރަ އަށް ވަޅި ހިފައިގެން ދެ މީހަކު ވަދެ، ބިރު ދައްކައި އެތަނުން އެތައް މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނައިގެން ވަގުންތަކެއް ފިލި ކަމަށް ބުނެ ރިޕޯޓްކުރީ ޖެނުއަރީ މަހުގެ 19 ގަ އެވެ. އޭރު ބުނެފައި ވަނީ އެ މީހުން އެ ދުވަހުގެ ރޭ ފިހާރަ އަށް ވަދެފައި، ޖޯޖް އާއި އެތަނުގެ އަންހެން މުވައްޒަފަކަށް ވަޅިން ބިރު ދަައްކައިގެން ގިނަ އަދަދެއްގެ ގަހަނާ ނަގައިގެން ފިލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، މި "ފޭކް" ވައްކަމުގައި ޝާމިލުވާ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ފުލުހުން ހައްޔަރުކުރީ 37 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެކެވެ.
ސިޑްނީ ފުލުހުންގެ ޑިޓެކްޓިކް ސުޕްރިންޑެންޓް ޖޯ ޑޮއެއީ އިއްޔެ ވިދާޅުވީ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާ އިރު ޖޯޖްގެ ފިހާރައިން ހަގީގަތުގައި ވައްކަން ނުކުރާ ކަމަށާއި މިކަމަކީ އޭނަ އިންޝުއަރެންސަށް ބޮޑު އަދަދުން ފައިސާ ހޯދަން އަމިއްލަ ރޭވި ކަމެއްކަން ސާބިތުވާ ކަމަށެވެ.
"އެކަމުގެ އެކަށީގެންވާ ހެކި ވެސް އެބަހުރި." އޭނަ ވިދާޅުވި އެވެ.
ސިޑްނީ ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ނަވާރަ ސަތޭކަ އަށްޑިގައިގެ ތެރޭގައި ގަހަނާގެ ވިޔަފާރީގެ ތެރެއަށް ވަން މައިކަލްގެ "ޖާމަނީ" އަކީ މަޝްހޫރު ބްރޭންޑެކެވެ. އޭނަގެ ކްލައިންޓުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނާއި އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނުގެ ޗާލްސް ތިނެއްގެ ކުރީގެ އަނބިކަނބަލުން ޕްރިންސެސް ޑަޔާނާގެ އިތުރުން އެމެރިކާގެ ކުރީީގެ ބަތަލާ އެލިޒަބަތު ޓޭލާ ފަދަ މަޝްހޫރު މީސްމީހުން ވެސް ހިމެނެ އެވެ.