ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ޕޮލިޓިކަލް ތުރިލާއަކަށް ސޮއިކޮށްފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "އުލާޖު" އެވެ. މީގައި ޖާންވީއާ އެކީ ލީޑް ބަތަލުންގެ ގޮތުގައި ފެންނާނީ މާ މަޝްހޫރު ނޫން އެކްޓަރުންތަކެއް ކަމަށްވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ.
މި މަހުގެ ފަހިކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "އުލާޖު" ގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސުދާންޝޫ ސާރިއާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޕަރްވީޒު ޝެއިހާއި ޑައިރެކްޓަރު ގުޅިގެންނެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ އާ ފިލްމަކަށް ސޮއިކުރި އިރު، އޭނަ މިހާރު އަންނަނީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާއާ އެކީ ވެސް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.
ދެހާސް އަށާރައިގެ "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީ، 26، ގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްކުރި އެވެ. "އެއީ ގުޑް ލަކް ޖެރީ" އާއި "މިލީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ވަރުން ދަވަނާ އެކީ ކުޅެފައިވާ އަދި އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި އޮތް "ބަވާލް" އިންނެވެ.