Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މެސީ ސައުދީ ލީގަށް ބަދަލުވާނެ!

އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލައިނަލް މެސީ ކުރިއަށް އޮތް ސީޒަނުގައި ކުޅޭނީ ސައުދީ އަރަބިއްޔާގެ ޓީމަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަރަށް އިތުބާރު ހުރި ފަރާތްތަކަކާ ހަވާލާދީ އޭއެޕްފީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީގެ ބޮޑު ކުލަބަކަށް މެސީ، 35، ބަދަލުވާން މަޝްވަރާތައް ކުރެވި، އެކަމުގެ އެއްބަސްވުމަކާ ހަމައަށް ވެސް މިހާރު ވަނީ އައިސްފަ އެވެ. އަދި ވަރަށް ބޮޑު އަގަކަށް އޭނަ ކުޅޭ ޓީމަކީ ކޮބައިކަން ވެސް ދެން މާ ލަސްތަކެއް ނުވެ އެނގިގެން ދާނެ ކަމަށް ބުންޏެވެ.

ނަން ހާމަނުކުރަން އެދި އޭއެޕްފީއާ ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ކުރިއަށް އޮތް ސީޒަނުގައި މެސީ ކުޅޭނީ ސައުދީ ލީގަށްކަން މިހާރު ކަށަވަރު ކަމަށެވެ.

"އަދި މިއީ ވަރަށް ބޮޑު އަގަކަށްވެވޭ އެއްބަސްވުމެއް." އޭނަ ބުންޏެވެ.

މެސީ ސައުދީގެ ޓީމަކަށް ކުރިއަށް އޮތް ސީޒަނުގައި ބަދަލުވާނެކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފައި މި ވަނީ އެފަދަ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނަގެ ބައްޕަ އަދި އެޖެންޓް، ޖޯޖް މެސީ އިއްޔެ ދޮގުކޮށްފައި ވަނިކޮށެވެ.

ސައުދީ ލީގަށް މެސީ ބަދަލުވާން އުޅޭ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޭނަ އެ ގައުމަށް އާއިލާއާ އެކީ ދަތުރެއް ވެސްކޮށްފައިވެ އެވެ. އެކަމަކު ސައުދީ އަށް ދިޔައީ މެސީ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ފީއެސްޖީން ހުއްދަ ނުހޯދައި ކަމަށްވާތީ އޭނަ ދެ ހަފުތާ އަށް ޓީމުން ސަސްޕެންޑްކުރި އެވެ. އެކަމާ ގުޅިގެން ފަހުން މެސީ މައާފަށް އެދުމުން ޓީމުން ވަނީ މީގެ ދެ ދުވަސް ކުރިން ސަސްޕެންޝަން އުވާލައިފަ އެވެ.

ޕީއެސްޖީން މެސީއާ އެކު ހަދާފައިވާ އޮތް އެއްބަސްވުން އަންނަ މަހުގެ 30 އަށް ހަމަވާނެ އެވެ. އެކަމަކު އެއްވަސްވުބން އާކުރުމުގެ ވާހަކައެއް ސީޒަން ނިމެން ގާތްވާ އިރު ވެސް ނުދެކޭތީ މިއީ މެސީ އެ ޓީމާ ވަކިވާން އުޅޭކަން ހާމަކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މެސީ ގެންދަން ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ އަލް ހިލާލް އާއި ސްޕެއިންގެ ބާސެލޯނާ އަދި އެމެރިކާ ލީގުގެ ބައެއް ކްލަބުތަކުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.