Last Updated: July 26, 11:16
Sunday, July 26, 2026
މުނިފޫހިފިލުވުން

"ހީރާމަންޑީ" އިން ކެރިއަރަށް ކުރިއެރުން ލިބޭނެ

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ" ގައި ކުޅޭ ރޯލާ އެކީ ކެރިއަރަށް އަނެއްކާ ވެސް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭގެ ރޯލެއް ކުޅޭ ބަތަލާ މަނީޝާ ކޮއިރަލާ ބުނެފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 52 އަހަރުގެ ބަތަލާ އަކީ ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ގެ ވެސް ބަތަލާ އެވެ. އޭގެ އެތައް އަހަރެއް ފަހުން އެ ދެ މީހުން އާ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަ އިރު، މަނީޝާ ބުނީ ބަންސާލީ އަކީ އެފަދަ ދެވަނައެއް ނެތް ފަދަ މޮޅު ޑައިރެކްޓަރެއް ކަމަށެވެ.

"ވަރަށް އުފާކުރަން އަނެއްކާ ވެސް އެހާ ޒަމާންކޮށްފައި ބަންސާލީއާ އެކީ މަސައްކަތްކުރަން ލިބުނީތީ. އަހަންނަށް ޔަގީން ހީރާމަންޑީގައި ކުޅޭ ރޯލުގެ ސަބަބުން ކެރިއަރަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް،" ކެންސަރަށް ފަރުވާ ހޯދައި އެ ބަލިން ސަލާމަތްވެފައިވާ މަނީޝާ ބުންޏެވެ. "މި ސީރީޒަކީ ވަރަށް ފުރިހަމަ، އެހާމނެ ޝައުގުވެރި އެއްޗަކަށް ވާނެ."

އޭނަ ބުނި ގޮތުގައި ބަންސާލީގެ އެންމެ ހާއްސަ ކަމަކީ އަބަދު ވެސް އޭނަގެ އުފެއްދުންތަކުގައި އަންހެނުންނަށް ވަރުގަދަ ރޯލުތަކެއް ކުޅެން ލިބުމެވެ. އެހެންވެ އެއީ ވަރަށް އިހުތިރާމުކޮށް، ގަދަރުކުރާ ޑައިރެކްޓަރެއް ކަމަށް ބުންޏެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރް ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންތަކެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. ވަރަށް ގްރޭންޑްކޮށް ހަދާ މި ސީރީޒްގެ ބަތަލާއިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހަދައިދަރީ އަދި ސަންޖީދާ ޝެއިހްގެ އިތުރުން ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އެވެ.

"ހީރާމަންޑީ" ގެ ފަސްޓްލުކް މިދިޔަ ފެބްރުއަރީގައި ދައްކައިލި ނަމަވެސް ސީރީޒް ޕްރީމިއާކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.