ހުޅުމާލެ ބިން ހިއްކަން ނުނިންމާ ކަމަށާއި އަދި ކުރިއަށްދަނީ މިކަމާއި ގުޅޭ މަޝްވަރާތައް ކަމަށް އާބަންކޯއިން ބުނެފިއެވެ.
ހުޅުމާލެ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލޭގެ ޔޮޓް މެރީނާ ސަރަހައްދު ހިއްކަން ނިންމާފައިވާކަމަށް މިއަދު މެނދުރު މީޑިއާތަކުގައި ވަނީ ފެތުރިފައެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން ހުޅުމާލެއިން ބިން ދޫކުރުމަށް ކުރަން އުޅޭ މަސައްކަތެއް ކަމަށް ވަނީ ޙަބަރު ފެތުރިފައެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުން ވަކި އެއްޗެއް ނުބުނި ނަމަވެސް މި މަޝްވަރާތައް ހިނގަމުންދާ ކަމަށް އާބަންކޯ ކުންފުނިން މިވަނީ ޔަޤީން ކޮށްދީފައެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އަދި މިކަމުގައި ގޮތެއް ނުނިންމެއެވެ.
”ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް މިކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން އަންނަނީ ކުރަމުން. އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވޭ”އާބަންކޯއިން ބުނެއެވެ.
ހުޅުމާލެ އިތުރަށް ހިއްކާ ކަމަށްވާނަމަ ހުޅުމާލެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބަދަލު ގެންނަން ޖެހޭނެއެވެ. މިމައްސަލާގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދެކެނީ މިއީ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ސަރުކާރުން ގެނެސްދޭ ހައްލެއް ގޮތުގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިއީ މާލެ ސަރަހައްދު އިތުރަށް ތޮށް ޖެއްސުމަށް އެޅިގެންދާނެ ފިޔަވަޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.