Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

އީސީގެ މެމްބަރު ކަމަށް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ މިހާރު ކޮމިޝަންގައި ތިއްބެވި މެމްބަރެއްގެ ތެރެއިން މެމްބަރެއްގެ ދައުރު ހަމަވާތީ ކަމަށެވެ. އެއީ މެމްބަރު އަލީ އަލީ ނަޝާތެވެ.

އެހެންވެ މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 17 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މެމްބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައި ނެތް އަދި އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ އަދި ސަރުކާރުގެ ނުވަތަ އެހެން ވެސް ތަނެއްގައި ވަޒީފާއެއް އަދާނުކުރާ މީހުންނަށެވެ.

މީގެ އިތުރުން މެމްބަރު ކަމަށް ކުރިމަތިލާ މީހުންނަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ސިޔާސީ ހަރަކާތްތަކުގައި ނޫޅޭ މީހަކަށް ވެސް ވާން ޖެހެ އެވެ.

އީސީގެ މެމްބަރު ކަމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެބްސައިޓް presidency.gov.mv/Downloads/dv/47 އިން ޑައުންލޯޑް ކުރެވޭނެ އެވެ.