Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އައްޑޫ ކޯޓު ކޮމްޕްލެކްސްގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ކޯޓު ކޮމްލެކްސް އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތް އެޅުމުގެ މަސައްކަތް އެސްޖޭ ކުންފުންޏާއި ހަވާލުކޮސް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޯޓް ކޮމްޕްލެކްސް މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާ އަލްއުސްތާޛާ ޙިސާން ޙުސައިން އާއި ނައިބް ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީގެ އިތުރުން ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމީއްޔާތުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ އަދި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެނެވިއެވެ.

އައްޑޫ ކޯޓު ކޮމްޕްލެކްސް މަސައްކަތް ހަވާލު ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން އާއިއެވެ. މިއީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 123 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ އަދި އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

އައްޑޫ ކޯޓު ކޮމްލެކްސް އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

މިރަސްމީއްޔާތަށް ފަހު އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، އައްޑޫ ކޯޓު ކޮމްޕްލެކްސް ތަރައްޤީ ކުރެވެނީ މިހާރު ގެނައުމަށް މަސައްކަތް ކުރަމުންދާ ޑިސްޓްރިކްޓް ކޯޓު ނިޒާމް ވިސްނުމުގައި ބަހައްޓައިގެން ކަމަށެވެ. އެގޮތުން މިތަން ތަރައްޤީވެގެން ދިއުމުން، އައްޑޫގައި މިހާރު ކުރިއަށްގެންދާ މައްސަލަތަކުގެ ނިންމޭލެއް އަވަސްވެގެން ދާނެ ކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫ ޝަރުޢީ ނިޒާމަށް ބަލާއިރު، މަރަދޫ-ފޭދޫ ކޯޓު ފިޔަވައި އެހެން ހުރިހާ ކޯޓުތަކަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ތަންތަންކަން ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ކޮންމެ ރަށެއްގެ ހުރިހާ ބާވަތެއްގެ މައްސަލަތައް ފަނޑިޔާރުން ތަށް ބަލަމުންދާ ކަން ފާހަގަ ކުރައްވާ ޑިސްޓްރިކްޓް ކޯޓު އައުމުން އެކަމަށް ލުއިފަސޭހަކަން ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ / ފޮޓޯ: އައްޑޫލައިވް

"ޑިސްޓްރިކް ކޯޓުގައި އަޅުގަނޑުމެން މަޝްވަރާ ކުރެވެމުންދާ ގޮތަކީ، ތަފާތު ދައިރާތައް. އެގޮތުން ފެމިލީ ކްރިމިނަލް ސިވިލް އަދި ހަމަ ސްޕެޝަލައިޒް ހުރިހާ ދައިރާތަކުން އެދާއިރާތަކުގެ ފަނޑިޔާރުން ތިއްބެވީމަ އެދައިރާތަކަށް ހުށެހެޅޭ މައްސަލަ އެ ފަނޑިޔާރުން ބައްލަވާނީ. އެންމެ މުހިންމު އެއް ކަމަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަށް ވީހާވެސް އަވަހަށް ނިންމާ ގޮތް ކަނޑައެޅިގެން ދިއުން " ރިޒްނާ ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމް ކުރެވޭ ކޯޓު ކޮމްޕްލެކްސް އަކީ ޑިސްޓްރިކްޓް ކޯޓު ވިސްނުމުގައި ޤާއިމް ކުރެވޭ މިފަދަ ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ. މި މަސައްކަތް ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ހަމެޖެހިގެން މިހާ ހިސާބަށް އައުމަށް ޖޭއެސްސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފާހަގަ ކުރައްވައެވެ.

އަދި ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިކަން ފެށިގެން ދިއުމަކީ ޝަރުއީ ދައިރާއަށް މިހާރު ކުރިމަތިވެފައިވާ އިމާރާތާއި ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަހަމީއްޔަތުކަން ފެނިގެންދާ ކަމެއް ކަމަށް ޑީޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.