Last Updated: June 12, 22:07
Friday, June 12, 2026
މުނިފޫހިފިލުވުން

"ގިލަން" ގެ މަސައްކަތް އަލުން ފަށަނީ

މީގެ އަހަރުތަކެއް ކުރިން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ރީކޯ މޫސާ މަނިކުގެ އިތުރުން ޝީލާ ނަޖީބް ހިމަނައިގެން އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކުރަން ފެށި "ގިލަން" ގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު އެ ފިލްމްގެ މަސައްކަތް އަލުން ފަށަން ނިންމައިފި އެވެ.

ވާހަކަ ލިއުންތެރިޔާ މުހައްދު ގާސިމްގެ ވާހަކަށް ބިނާކޮށް ހަދާ "ގިލަން" ގެ ލީޑް ރޯލް ފެނިގެން ދާނީ ޔޫއްޕެގެ އިތުރުން ޝީލާ އާއި އޭނާގެ ފިރިމީހާ މަނިކު ކަމަށް ބެލެވެ އެވެ. އަމްޖޭ ބުނީ ޝީލާ އާއި މަނިކާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. "ގިލަން" ކުޅުމަށް ޔޫއްޕެ މިހާރު ވަނީ އެއްބަސްވެފަ އެވެ.

މި ފިލްމް މި އަހަރުގެ ތެރޭގައި ގެނެސް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިހާތަނަށް 49 ފިލްމް ޑައިރެކްްޓްކޮށްފައިވާ އަމްޖޭ ބުންޏެވެ. އަދި މިއީ އަހަރުގެ ތެރޭގައި އަންނާނެ އެންމެ ކާމިޔާބް ފިލްމް ކަމަށް ވެސް އަމްޖޭ ބުންޏެވެ.

"ގިލަން" އަކީ 1998 ވަނަ އަހަރު "މިއަދު" ނޫހުގައި ޝާއިއު ކުރުމުގެ އިތުރަށް ރޭޑިއޯ ޑްރާމާއެއްގެ ގޮތުގަައި ވެސް ދިވެހި ރާއްޖޭގެ އަޑުން ގެނެސް ދީފައިވާ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ކިޔައި ދެނީ ބޭބެގެ އަންހެނުންނާ ހިތާވެ، އޭނާ އާ އެކި ގޮތްގޮތަށް ގުޅުން ހިންގާ މީހެެއްގެ ވާހަކަ އެވެ.

އަމްޖޭ މީގެ ކުރިން ވެސް ވަނީ ގާސިމްގެ ވާހަކަތަކަށް ފިލްމް ހަދައިފަ އެވެ. އޭގެ ތެރޭގައި "އުދަބާނި" އާއި "ހަ ފަރާތް" ހިމެނެ އެވެ.