ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އޭސީ މިލާން 2-0 އިން ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލާ ގާތަށް އިންޓަ މިލާނުން ޖެހިލައިފި އެވެ.
މި ދެ ޓީމު އަންނަ އަންގާރަ ދުވަހު ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އިންޓަ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެ އެވެ.
އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 12 މިނެޓްތެރޭ އިންޓަ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. އިންޓަގެ ފުރަތަމަ ގޯލު މެޗުގެ 8 ވަނަ މިނެޓްގައި އެޑިން ޒެކޯ ކާމިޔާބު ކުރީ މިލާންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ފައިން ކުރިއަށް ފޮނުވާލައިގެންނެވެ. މެޗުގެ 11 ވަނަ މިނެޓްގައި ހެންރިކް މިކިތާރިޔަން އިންޓަގެ ދެވަނަ ގޯލު ކާމިޔާބުކުރީ މުޅިން ހުހަށް މިލާންގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން އިންޓަ އަށް އިތުރު ފުރުސަތުތަކެއް ވެސް ލިބިފައިވެ އެވެ. އެގޮތުން އިންޓަގެ ހަކަން ޗަނޮނޮގްލޫ ދުރުން ފޮނުވާލި ބާރު ހަމަލާ މިލާންގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ނިކޯ ބަރެއްލާ ފޮނުވާލި ހަމަލާ މަތަކުރީ މިލާންގެ ގޯލްކީޕަރު މައިކް މައިނަން އެވެ.
ދެވަނަ ހާފްގައި މިލާނުން ކުޅުން ރަނގަޅު ކުރިއިރު އިންޓަގެ ގޯލަށް މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ މިލާންގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިންޓަގެ ގޯލުގެ ދަނޑި އަށެވެ.
މުބާރާތުގެ ފައިނަލާ ގާތަށް އިންޓަ ޖެހިލާފައިވާއިރު އެޓީމު އެންމެފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނީ 2010 ގަ އެވެ. އެފަހަރު އިންޓަ އިން ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.