ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު އެކްޓަރު ކަރަން ޑިއޯލް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް އަޑު އަރާފައި ވަނިކޮށް އަލަށް ލޯބިވެރިޔާއާ އެކީ ފެނިއްޖެ އެވެ.
ބައެއް މީޑިއާތަކުން ވަނީ ކަރަން އާއި ޑްރިޝާ އަޗާރިއާ ވަރަށް "ކެޝުއަލްކޮށް" ގައި މުމްބާއީގެ މަގުމަތިން ފެނިގެން ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ކަރަން ފެންނަނީ ޓީޝަޓަކާއި ސޯޓްބުރިއެއް ލައިގެން ހުންނަ އިރު، ޑްރިޝާ ވެސް ޓީޝާޓާއި ޖީންސެއް ލައިގެން ދެ މީހުން އެކީގައި ހިނގާފައި ތާނެވެ.
މިއީ މިގޮތަށް އާންމު ތަނެއްގައި ކަރަން ލޯބިވެރިޔާއާ އެކީ ފެނުނު ފުރަތަމަ ފަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަރަން އާއި ޑްރިޝާ ވަނީ ދާދި ފަހުން އެންގޭޖްވެފަ އެވެ. އަދި އަންނަ މަހުގެ ތެރޭގައި މާ ކުލަގަދަ ނޫން ހަފުލާއެއްގައި ދެ މީހުން ކައިވެނިކުރާނެ އެވެ.
ޑްރިޝާ އަކީ ހިންދީ ސިނަމާގައި ވަރަށް ފާހަގަކޮށްލެވުނު ކުރީގެ ޑައިރެކްޓަރު ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ. އޭނަ ޑައިރެކްޓްކުރި ފިލްމެއް ކަރަންގެ ކާފަ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ވެސް ކުޅުނެވެ. އެއީ 1963 ގެ "ބަންދިނީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑްރިޝާ އާއިލާއާ އެކީ ދިރިއުޅެނީ ދުބާއީގަ އެވެ. އަދި އޭނަ އަކީ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެކެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކަރަން އާއި ޑްރިޝާ އަކީ ވަރަށް ކުޑައިރުއްސުރެ ވެސް ގާތް ދެ ރައްޓެހިންނެވެ.
ކަރަން ބޮލީވުޑަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަކް ދިލް ކޭ ޕާސް" އިންނެވެ. އޭހެ ފަހުން އޭނަ ފެނިފައި ވަނީ 2021 ގެ "ވޭލޭ" އިންނެވެ.