ފިލްމީ ދާއިރާ އަށް ނުކުތް ފަހުން މިހާތަނަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ލިބުނީ އަދި ކިރިޔާ ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
މިދިޔަ މަހުގެ 28 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި އޭނަގެ ސީރީޒް "ސިޓަޑެލް" ގެ ޕްރޮމޯޝަންގެ ތެރެއިން އެމެރިކާގެ ޓޯކް ޝޯ "ދަ ވިއު" ގައި ވާހަކަ ދައްކަމުން ކާމިޔާބު ބަތަލާ ބުނީ އެ ސީރީޒަކީ އޭގެ ބަތަލު ރިޗަޑް މެޑެންއާ އެއްވަރުގެ ފީއެއް ލިބުނު ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ.
"އެންމެ ފަހުން ތޭވީސް އަހަރު ފަހުން މިކަންވެއްޖެ. އެކަމަށްޓަކައި ޝުކުރުކުރުން ވެސް ހައްގު. ހާއްސަކޮށް އެމެޒޯން ސްޓޫޑިއޯސްގެ ވެރިޔާ ޖެނިފާ ސްޓޯލްކާ އަށް އޮތް ޝުކުރު ވަރަށް ބޮޑު،" ޕްރިޔަންކާ ބުންޏެވެ. "ދެ ޖިންސްގެ އެކްޓަރުންގެ ފީގައި ހުރި ބޮޑު ފަރަގާ ބެހޭ ގޮތުން އަހަރެން ވާހަކަ ދައްކާތާ ލައްކަ ދުވަސްވެއްޖެ. އެ ފަރަގު މިހާރު ކުޑަވަމުން އައުމަކީ އުފާކުރަން ޖެހޭ ކަމެއް. އެފަދަ ބަދަލުތަކެއް އައުމަކީ މި މުނިފޫހި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ."
ޕްރިޔަންކާ އަކީ ހޮލީވުޑަށް ނުކުތުމުގެ ކުރިން ބޮލީވުޑްގައި ވެސް ދެ ޖިންސްގެ އެކްޓަރުންގެ ފީގެ ފަރަގާ މެދު ކަންބޮޑުވުން ފާޅުކޮށް، އާމްދަނީ ފަރަގު ނައްތައިލަން ވަރަށް ބޮޑަށް ވަކާލާތު ކުރަމުން ދިޔަ ތަރިއެކެވެ. ބޮލީވުޑާއި ހޮލީވުޑަކީ ވެސް ދެ ޖިންސްގެ އެކްޓަރުންގެ މެދުގައި ފީގެ ފަރަގު ވަރަށް ބޮޑު ދެ އިންޑަސްޓްރީ އެވެ. ދެ ތަނުގައި ވެސް އަންހެން ފަންނާނުނަށް އާންމުކޮށް ލިބެނީ ފިރިހެން ފަންނާންނަށް ޕްރޮޖެކްޓަކުން ލިބޭ އާމްދަނީއާ އަޅާބަލާ އިރު ޕަސެންޓެއްހާ ވަރުގެ ފީއެކެވެ.
މި މައްސަލާގައި ބޮލީވުޑްގައި ވަރަށް ބޮޑަށް ބަހުސްކުރެވި އެ އިންޑަސްޓްރީގައި ވެސް އާމްދަނީގެ ފަރަގު މިހާރު އަންނަނީ މަޑުމަޑުން ނަމަވެސް ކުޑަވަމުންނެވެ. މިކަމަށް މި ފަހުން އެންމެ ބޮޑަށް ވަކާލާތުކުރާ ތަރިންގެ ތެރޭގައި ކަންގަނާ ރަނާވަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ކަރީނާ ކަޕޫރް ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
"ސިޓަޑެލް" އިން ލިބުނު ފީގެ ކުރިއެރުމާ ބެހޭ ގޮތުން ޕްރިޔަންކާ ބުނީ ފަހަރުގައި އެމެޒޯން ސްޓޫޑިއޯސް އިން އެފަދަ ބަދަލެއް ފެނުނީ ވެރިއަކަށް އަންހެނަކު ހުރުމުން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު ފީގެ މައްސަލަ އަކީ ޖިންސަކާ ގުޅުން ހުރި ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެ މީހުން ކުރާ މަސައްކަތާ އެއްވަރުގެ ފީއެއް ލިބެން ޖެހޭނެ ކަމަށް ބުންޏެވެ.
އެހެންވެ ދެ ޖިންސުގެ މެދުގައި އޮތް ފީގެ ފަރަގު އެއްކޮށް ނައްތައިލަން ޖެހޭ ކަމަށް ހޮލީވުޑްގައި މިހާރު ނުފޫޒު ގަދަ ބަތަލާއެއްގެ ގޮތުގައު ފާހަގަކޮށްލެވޭ ޕްރިޔަންކާ ބުންޏެވެ.
"އެހެންވީމަ މިކަމަށް އެބަޖެހޭ އަދިވެސް ވަރަށް ފުޅާކޮށް ވާހަކަ ދައްކަން. އޭރުން ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ." އޭނަ ބުންޏެވެ.
ޕްރިޔަންކާގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ މި މަހުގެ 5 ގައި ރިލީޒްކުރި "ލަވް އެގެއިން" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" އާއި ހޮލީވުޑްގެ ޕްރޮޖެކްޓްތައް ކަމަށްވާ "އެންޑިން ތިންގްސް" އާއި "ހެޑްސް އޮފް ސްޓޭޓް" ހިމެނެ އެވެ.