Last Updated: July 26, 11:16
Sunday, July 26, 2026
މުނިފޫހިފިލުވުން

ޓައިމް މަޖައްލާގެ ކަވަރުގައި ދީޕިކާ

މަޝްހޫރު "ޓައިމް" މަޖައްލާގެ ކަވަރުގައި އިންޑިއާގެ ބަތަލާ ދީޕިކާ ޕަދްކޯން ހިމަނައިފި އެވެ.

އޭނަގެ ފޮޓޯ ޖެހި ކަވަރުގެ މައި ސުރުހީ އަކީ "ދަ ގްލޯބަލް ސްޓާ" އެވެ. އަދި އެއާއާ އެކީ ބުނެފައި ވަނީ މުޅި ދުނިޔޭގައި ދީޕިކާ ބޮލީވުޑްގައި މަޝްހޫރުކުރަމުން އަންނަ ކަމަށެވެ. ދީޕިކާގެ އިންސްޓަގްރާމްގައި ވެސް ކަވަރާއި ކަވަރަށް ފޮޓޯ ނަގަން ކުރިއަށް ގެންދިޔަ ފޮޓޯޝޫޓްގެ ވީޑިއޯއެއް ވެސް ހިއްސާކޮށްފައިވެ އެވެ.

"ޓައިމް" ގައި ދީޕިކާގެ ވަރަށް ހާއްސަ އިންޓަވިއުއެއް ހިމެނޭނެ އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ އަންނަނީ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް އިންޑިއާ ތަމްސީލުކުރަމުންނެވެ. އެގޮތުން މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި ވެސް އޭނަ ބައިވެރިވި އިރު، ކާންސް ފިލްމު ފެސްޓިވަލް ފަދަ އިވެންޓްތަކުގައި ވެސް ބައިވެރިވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި މުބާރާތުގެ ޓްރޮފީ ދައްކައިލަން ބޭއްވި އިވެންޓަކީ ވެސް ދީޕިކާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ކަމެކެވެ.

ހޮލީވުޑްގެ ފިލްމެއް ކުޅުމުގެ އިތުރަށް ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ކަމަށްވާ ލުއީ ވިޓޯންގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ހުނަރުވެރި ބަތަލާ އަކީ ގަތަރު އެއާވޭސްގެ މިހާރުގެ ބްރޭންޑް އެމްބެސެޑަރު ވެސް މެ އެވެ.

އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށްގެން އުޅޭ ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފައިޓާ"، "ޕްރޮޖެކްޓް ކޭ" އަދި "ސިންގަމް އެގެއިން" ހިމެނެ އެވެ.

ދީޕިކާ ކުޅުނު ހޮލީވުޑްގެ ފިލްމަކީ މަޝްހޫރު އެކްޓަރު ވިން ޑީޒެލްއާ އެކީ ކުޅުނު 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ. އޭނަ ބޮލީވުޑަށް ނުކުތީ ޝާހްރުކްގެ 2007 ގެ "އޯމް ޝާންތީ އޯމް" އިންނެވެ.