Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްފި

މި މަހުން ފެށިގެން ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލި ކުޑަކޮށްފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކުރުމުގެ އިތުރަށް ކުލި ދައްކާ މުއްދަތު އިތުރުކުރަން ސަރުކާރުން މި ނިންމީ އެތަނުގައި ދިރިއުޅޭ މީހުން ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ކުލި މިހާރު ވަނީ 5،300ރ. އަށް ކުޑަކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުއްޔަކީ މިހާރު 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު ދައްކަން ޖެހެ އެވެ. އެހެންވެ ކުލި ކުޑަކޮށް ދޭން ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މި ގެނައި ބަދަލާ އެކީ، އެތަންތަނަށް ދައްކަން ޖެހޭ އަގު ދައްކައި ނިންމަން ކުރިން ދީފައި އޮތް 25 އަހަރުގެ މުއްދަތު މިހާރު ވަނީ 32 އަހަރަށް ދަންމައިފަ އެވެ. އެއީ އިތުރުކުރި 7 އަހަރާ އެކީގަ އެވެ.