ހިއްކަން އުޅޭކަމަށް އަޑުފެތުރިފައިވާ ހުޅުމާލޭ ފަޅުގެ އިހްތިސޯސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފަޅުހިއްކުމަށް ނިންމާފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކޮށްގެން އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ އެކަމަކީ ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ މިހާރު ހިއްކަން ނިންމާފައިވާ ސަރަހައްދަކީ އަރބަންކޯއަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއްކަމަށެވެ. އަދި ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއްކަން. ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި ޢަމަލު ކުރަމުންދާއި ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަން." މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ ލާމަރުކަޒީ ޤާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫއެއްކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަމަށެވެ.
މޭޔަރު މުއިއްޒު ވަނީ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ޤާނޫނާއި ޚިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރުމަށް ގޮވާލައްވާފައެވެ. އަދި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. މިގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.