Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން-

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، ގުޅިފައިވާ ސިޔާސީޕާޓީތަކުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އިތުރު ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ. އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކިތައް މެންބަރުން ސޮއި ކުރިތޯ ސުވާލު ކުރުމަށް ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ގަވައިދުގައި ބުނާ އަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ސަރުކާރުން "ވިއްކާލާފައި"ވާ ކަމަށާއި އެކަމާ ގުޅޭ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށެވެ. އެގޮތުން މިއަދު އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށާއި، އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިކަމުގައި ގިނަ ސިޔާސީ ޕާޓީތަކެއްތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ކޮންމެބައެއް ވެރިކަމުގައި ތިއްބަސް ދޫނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން މެންބަރު އަލީ އާޒިމް، ޖޭޕީގެ ފަރާތުން މެންބަރު އަލީ ހުސައިން، އެމްއެންޕީގެ ފަރާތުން މެންބަރު އަހުމަދު އުޝާމް އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން ބައިވެރިވެފައިވެއެވެ.