Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިތުބާރު ނެތްކަމަށް ސޮއިކުރި އަދަދުވެސް އެބޭފުޅުންނަށް ޔަގީނެއް ނޫން

ތަރުޖަމާން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި މެންބަރުންގެ އަދަދުވެސް އެ މައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށް ޔަގީން ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ. އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކިތައް މެންބަރުން ސޮއި ކުރިތޯ ސުވާލު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ގަވައިދުގައި ބުނާ އަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުބާރު ނެތްކަމުގެ މައްސަލައާގުޅޭގޮތުން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ، އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅި ބޭފުޅުންނަށްވެސް އެ މައްސަލައާ މެދު އިތުބާރު ނެތްކަމަށެވެ.

"ނަންބަރުތަކާ ގުޅޭގޮތުން އެބޭފުޅުން އަމިއްލަ ކޮންފިޑެންސްވެސް ނެތިގެން އުޅުއްވިތަން އަޅުގަނޑަށް ފެނުނީ. އެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ އެސުވާލުކުރައްވާތަން ފެނޭހެން އަޅުގަނޑަށް ހީވަނީ، ސޮއިކުރެއްވި ބޭފުޅުންގެ އަދަދުވެސް އެބޭފުޅުންނަކަށް ޔަގީނެއް ނުވޭ. ބޭނުންވާ އަދަދަށް ވޯޓުހަމަވެދާނެ ކަމަށް އެބޭފުޅުން ލަފާކުރައްވައިގެން އެ އުޅުއްވަނީ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ނޫޅޭ ކަމަށާއި، މީގެކުރިން ފުށުއަރާފައި އޮތްބައެއް ޔަގީންކަމާއެކު މިހާރު ރާއްޖެއަށް ލިބުނީ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލުމަށް އެބޭފުޅުން ތަކުރާރުކޮށް ރާއްޖެއިން ބައެއް ގެއްލުނު ކަމަށް ވިދާޅުވިނަމަވެސް އެކަން ހަގީގަތަކަށް ނުވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށް ކަންކަމުގައި އެއްބަސްނުވެވިގެން އުޅޭތަން ފެންނަކަމަށާއި އެގޮތުން އެއްބައިބޭފުޅުން ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ބުނާއިރު އޭގެތެރެއިން އަނެއްބައި ބޭފުޅުން އެކަމާ ދެކޮޅު ހައްދަވާކަމަށެވެ. އެބޭފުޅުންގެ ތެރޭގައި އެއްބަސްވެވެނީ އެންމެ ކަމަކަށް ކަމަށާއި އެއީ ވެރިކަން ކުރުން ކަމަށެވެ. އެހެންނަމަވެސް ވެރިކަން ކުރާނީ އެންމެން ގުޅިގެންތޯ ނުވަތަ ވަކިވަކިންތޯ، އެކަމާ ގުޅޭގޮތުންވެސް އެބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވިގެން އުޅޭތަން ފެންނަކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެބޭފުޅުން އެއްގަލަކަށް އަރައިގެން ވާހަކަދައްކަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި "ނަފުރަތު އުފެެއްދުމަށް" ކަމަށް މިއުވާން ވިދާޅުވިއެވެ.