Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ސަރުކާރުން "ލައިން ކްރޮސްކޮށްފި"

މެންބަރު އަހުމަދު އުޝާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން "ލައިން ކްރޮސް" ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު "ގުޅިފައިވާ ސިޔާސީ ޕާޓީތަކުން" ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައަކީ ކުޅޭކުޅޭ އެއްޗަކަށް ހަދަން ބޭނުންނުވާ ކަމަށާއި އެބޭފުޅުން އިތުބާރު ނެތްކަމުގެ މައްސަލަ ދެކެނީ މައްސޫލިޔަތެއްގެ ގޮތުގައި ކަމަށެވެ.

ރައްޔިތުން މަޖިލީހށް މެންބަރުން އިންތިހާބު ކުރުމަށްފަހު ފޮނުވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ހިމާޔަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

"އެހެންމަ ސަރުކާރުންވެސް ކްރޮސް ކުރަން ނުޖެހޭނެ ލައިންތަކެއް ހުންނާނެ. އެއްކަމަކީ އަޅުގަނޑުމެންގެ ދީން، ދެން ސަރަހައްދު. އެހެންމަ މިހާރު މިދިމާވެގެން އުޅޭ މައްސަލައިގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިއޮތީ ލައިން ކްރޮސް ކޮށްފައި. އެ ލައިން ކްރޮސް ކުރީމާ އެކަމުގައި ބައިވެރިވި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޒުލުކުރުމުގެ މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ.

ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ މަސައްކަތް ކުރުމަށް ވަރަށްކެރިގެން ކުރިމަތިލައްވައިގެން ތިއްބެވިކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މަޖިލީހުގެ އެހެން މެންބަރުންވެސް ބައިވެރިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.