މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމިއުނިޓީ ފަނޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ ކޮމިއުނިޓީ ފަންޑްގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެކުންފުނިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސާފައިވާ ކަމަށެވެ.
މި ފަންޑާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ، އަހަރަކު 2 ފޭސްއަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މިފަންޑްގެ، ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފުރުސަތު 31 މެއި 2023 ގެ ނިޔަލަށް އޮންނާނެކަމަށެވެ.
ޕޯޓު ކޮމިއުނިޓީ ފަންޑަށް އެދޭ ފޯމު: https://port.mv/wp-content/uploads/2023/04/PCF_Application-Form.pdf
އެމްޕީއެލްއިން ބުނެފައިވަނީ ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް ކަނޑައަޅާފައިވާ ކަމަށެވެ. ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ. އަޅުގަނޑުމެން ކުންފުނިން މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފަ." އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ވިދާޅުވިއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ މި ފަންޑުގެ ދަށުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެމްޕީއެލްއިން ބުނެފައިވަޏީ ކޮމިއުނިޓީ ފަންޑުގެ ދަށުން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.